އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ހުސްބިމުގައި ކުރި އީދު ނަމާދު ޞައްހަވާނެ ކަމުގައި ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ހުޅުމާލޭގައި ކުރެވުނު ޢީދު ނަމާދާއި ގުޅޭގޮތުން ބައެއް އާއްމު ރައްޔިތުންނާއި ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމަށް އިޝާރާތް ކޮށްފައެވެ.
އިއްޔެ އީދު ނަމާދަށް ދިޔަ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޢީދު ނަމާދުގެ ދެވަނަ ރަކުއަތުގައި ފަސް ތަކްބީރު ކިޔުމުގެ ބަދަލުގައި އެއް ތަކުބީރު ކިޔާފައިވާތީއެވެ. އީދު ނަމާދު ކުރުމުގައި ސުންނަތް ގޮތަކީ ފުރަތަމަ ރަކުއަތުގައި ހަތް ތަކުބީރު އަދި ދެވަނަ ރަކުއަތުގައި ފަސް ތަކުބީރު ކިއުމެވެ.
މިކަމާއި ގުޅެގޮތުން ޑރ ޝަހީމް ވިދާޅުވެފައިވަނީ ޢީދު ނަމާދުގެ ތަކުބީރުތަކަކީ ސުންނަތް ތަކުބީރުތަކެއް ކަމަށާއި އިމާމާ ހަނދާންނެތިގެން ނަމަވެސް އެއިން ތަކުބީރެއް ދޫކޮށްލެވުނަސް އެނަމާދު ޞައްހަވާނެ ކަމަށެވެ. އަދި ތަކުބީރެއް ދޫކޮށްލެވުނަސް ކުށު ސަޖިދަ ޖަހަން ނުޖެހޭނެ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ހުޅުމާލޭ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓްރީގައި ވާއިޒެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހަސަން ތައުފީގެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...