ލޯގަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމިން މަޖްލިސްއަށް ފޮނުއްވި ތިން ބޭފުޅުންނަށް މަޖްލީހުން ރުހުންދީފިއެވެ.
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަން ރުހުންދިން ބޭފުޅުން
- ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ފ. ނިލަންދޫ، ހަތިކޮޅު، މިންނާ ރަޝީދު
- މަދަނީ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ އަހުމަދު)
- ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީ ކޯނާ، އާމިރު އަލީ
މިތިން ބެފުޅުންނަށް މަޖްލީހުން ރުހުން ދިނުމަށް ފާސްކުރަން ނެގި ވޯޓުގައި މިންނާ އަށާއި އާމިރު އަލީ އަށް 49 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ޗާނދަލިޔާ އަހުމަދު އެ މަގާމަށް އައްޔަން ކުރަން 48 މެމްބަރުން ވޯޓު ދެއްވި އެވެ.
އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބޯޑުގައި ކުރިން ހިމެނޭ ކައުންސިލަރުން ނުހިމަނައި އެ ބޯޑުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އަލުން އެ ބޯޑު އެކުލަވާލުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނެސްފައި ވަނިކޮށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު މިހާރު އެލްޖީއޭ ބޯޑު އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރަކާއި އެލްޖީއޭގެ ޗީފް އެގެޒެކެޓިވް އޮފިސަރެވެ.
އެލްޖީއޭ ބޯޑު ކުރިން އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެމްބަރަކާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މެމްބަރަކާއި މަދަނީ ޖަމީއްޔާތަކުން މަޖިލީހުން ހޮއްވަވާ މެމްބަރެއްގެ މައްޗަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...