ފިތުރު އީދުއާ ގުޅިގެން އިތުރު ދެ ދުވަސް ބަންދުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން މިއަދު ބުނީ، ޝައްވާލު މަހުގެ އެއް ވަނަ ދުވަހަކީ، މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިނަމަ، މި ޖޫން މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ހަމަޖެހިގެންދާނީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަމަށެވެ.
އަދި މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިނަމަ، އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި، އެހެންނަމަވެސް ފިތުރު އީދުގެ ބަންދު ތިން ދުވަސް (ޖޫން 26، 27 އަދި 28 އާއެކު، މި ޖޫން 29 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެ ނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.
މިގޮތަށް ހަމަޖެއްސެވުމުން، ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ ޖުލައި މަހުގެ ދެއެއްވާ އާދީއްތަ ދުވަހު އެވެ.

















ޚިޔާލު