ކުރިއަށް އޮތް ރޯދަމަހަށް އެސްޓީއޯއިން އެތެރެކުރި ފިޔާ، ބިސް އަދި އަލުވީގެ ސްޓޮކް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިތަކެތި ހޯލްސޭލްކޮށް ވިއްކަމުން ދާނީ އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުންނެވެ. އަދި މެއި 20 ވާ ހޮނިހިރު ދުވަހުން ފެށިގެން ފިޔާ، އަލުވި އަދި ބިހުގެ ހޯލްސޭލް ވިޔަފާރި ކުރިޔަށް ދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އެސްޓީއޯގެ ދެ ނަމްބަރު ކޮށިން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ނަމަވެސް ރޯދަމަހު އެ ކޮށިން ހޯލްސޭލްކޮށް ތަކެތި ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރު ފަހު 1:00 އިން 3:00 އަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މިދިޔަ ހަފްތާގައި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރޯދަމަހު ބާޒާރުގައި ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ތައްޔާރަށް އޮތްކަމަށާއި މިދިޔަ އަހަރު އެކުންފުނިން ވިއްކި އަގުގައި މިފަހަރުވެސް އާއްމުނަށް ފިޔާ، އަލުވި އަދި ބިހުގެ އަގު އެއްވަރެއްގައި ގަންނަން ލިބޭނޭކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...