ރާއްޖޭގެ ޚަބަރު ނަފްސާނީ ބަލިމަޑުކަމުގެ ހައްލަކީ އަޤީދާއާއީ އީމާންތެރިކަން ހަރުދަނާކުރުން: ހުކުރު ޚުތުބާ

ނަފްސާނީ ބަލިމަޑުކަމުގެ ހައްލަކީ އަޤީދާއާއީ އީމާންތެރިކަން ހަރުދަނާކުރުން: ހުކުރު ޚުތުބާ

ނަފްސާނީ ބަލިމަޑުކަމުގެ ހައްލަކީ އަޤީދާއާއީ އީމާންތެރިކަން ހަރުދަނާކުރުން: ހުކުރު ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންސާނާއަށް ދިމާވާ ނަފްސާނީ ބަލިމަޑުކަމުގެ ހައްލަކީ އިންސާނާގެ އަޤީދާއާއި އީމާންތެރިކަން ވަރުގަދަކޮށް ހަރުދަނާކުރުުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ރަޖަބު މަހުގެ 17 ވަނަ ދަވުހުގެ ހުކުރު ޚުތުބާގައިވަނީ އުއްމަތް ވަރުގަދަވުމަށް މުސްލިމް އަފުރާދުން ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވަރުގަދަ ބަޔަކަށް ބަޔަކަށް ވާންޖެހޭ ކަމަށާއި އިންސާނާއަށް ދުނިޔެމަތީގައި ކުރިމަތިވާ ކަންކަމާއި ގޮތްހުސްވެ އެކަމުގެ ޝަކާރައަކަށްވެ މިހާ ހަލާކުވެގެން ދިއުމަކީ އެކަމަށް އޮތް ހައްލު ނޫންކަމަށެވެ. އަދި އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ދީން ކަމަށާއި އިންސާނާއަށް ކުރިމަތިވާ މުސީބާތާއި ހިތާމަތަކުގައި ﷲ ސުބްހާނަހޫ ވަތަޢާލާގެ ހަޟްރަތުން ވާގިއަށް އެދުމަށް ޚުތުބާގައި ގޮވާލާފައެވެ.

ނަފްސާނީ ބަލިމަޑުކަމަށް އަލިއަޅުވާލާ ޚުތުބާގައިވަނީ ނަފްސާނީ ބައްޔަކީ ހަލުވިކަމާއެކު ފެތުރެމުންދާ އެބަލީގެ ސަބަބުން ދާއިމީ ގޮތެއްގައި ޑޮކްޓަރީ ބޭސް ބޭނުންކުރަން ޖެހިދާނެފަދަ ހާލަތަކަށް މިހާ ގެންދާފަދަ ބައްޔެއް ކަމަށެވެ. ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް އިންސާނާ ދާންޖެހެނީ ދިރިއުޅުން ދެކެ ފޫހިވުމާއި ދިރިއުޅެން ބިރުގަތުމާއި ރިޒުޤު ނުލިބޭނެ ކަމުގެ ބިރު ހީވުމާއި ލޯބިވާ މީހަކު ވަކިވެ ދިއުމާއި ތިމާ ނޭދޭ ކަންތައްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކުރިމަތިވުމާއި މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވި ހިފުމާއި ބާރުގަދަ ބޭސްތައް ބޭނުންކޮށް ސިކުނޑިއަށް ގެއްލުންވުން ފަދަ ކަންކަންކަމުގައި ފާހަގަކޮށް ޚުތުބާގައިވަނީ މިހުރިހާކަމެއްވެސް ގުޅިފައިވަނީ އިންސާނާގެ އަޤީދާއާއި އީމާންތެރިކަމާ ކަމަށެވެ.

ނަފްސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ޝައިތާނާއަށް އިންސާނާގެ ސިކުނޑިއަށް ސަވާރު ނުވެވޭފަދަ ގޮތަށް ޢަމަލުތައް ބަހައްޓަން ޖެހޭކަން ފާހަގަކޮށް ޚުތުބާގައިވަނީ އިންސާނާއަށް ކުރިމަތިވާ ކަންތައްތަކާއި ޚިޔާލުތަކާއި ޝުޢޫރުތައް ހިއްސާކުރުމަށް ހެޔޮލަފާ އެކުވެރިން ހޯދަންޖެހޭ ކަމަށެވެ.

އެންމެހައި މުސްލިމްތަކުންނަށް ތަޤުވާވެރިވުމަށް ވަސިއްޔަތްކުރައްވާ ޚުތުބާގައިވަނީ އިސްލާމްދީނަކީ ހުރިހާކަމެއްގެ ހައްލު އެންމެ ފުރިހަމައަށް ގެނެސްދީފައިވާ ދީންކަމަށާއި ދީނުގައި އަންގަވާފައިވާ ގޮތަށް އެންމެހައި މުސްލިމުންގެ އަމަލުތައް ބަހައްޓާނަމަ މުސްލިމުންނަށް އެއްވެސް ކަމެއްގައި ހިތްދަތިކަމެއް އަދި އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެ ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތި ނުވާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.