ރާއްޖޭގެ ޚަބަރު ވަޅިހެރުމާއި މީހުން މެރުން ހުއްޓުވުމަށް ހުރިހާ ކަމެއް ކުރާނަން: ރައީސް

ވަޅިހެރުމާއި މީހުން މެރުން ހުއްޓުވުމަށް ހުރިހާ ކަމެއް ކުރާނަން: ރައީސް

ވަޅިހެރުމާއި މީހުން މެރުން ހުއްޓުވުމަށް ހުރިހާ ކަމެއް ކުރާނަން: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވެހިރާއްޖޭގައި މިއަދު ހިނގަމުންދާ ‏‏ރަޙުމްކުޑަ ޢަމަލުތައް މި ސަރުކާރުން ‏‏ބަލައިނުގަންނާނޭ ކަމަށާއި، އެޢަމަލުތައް ހުއްޓުވުމަށް ‏ ދައުލަތަށް ކުރެވެން ހުރި ‏‏ހުރިހާ ‏‏މަސައްކަތެއް ކުރައްވާނޭކަމުގައި‏ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިހެން ވިދާޅުވީ، ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ‏‏ފާހަގަކުރެއްވުމުގެ ގޮތުން، ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ‏ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުން ޔުނީފޯމްގައި ތިބެގެން ކިތަންމެ ބުރަ، އަދި ‏‏ފުރާނައަށް ގެއްލުންވާ ގޮތަށް ނުކުމެ މަސައްކަތް ‏‏ކުރި ކަމުގައިވީނަމަވެސް، މިދެންނެވި ކަހަލަ ‏‏ރަޙުމްކުޑަ ޢަމަލްތައް ދިވެހިރާއްޖޭގައި މިއަދު ހިނގަމުންދާކަމީ ‏‏ހިތާމަކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި‏ އެ ސަބަބަށްޓަކައި ފުލުހުންގެ މަސައްކަތުގައި އެހީތެރިވުމަށް، ރެއިން ‏‏ފެށިގެން ‏ސިފައިންވެސް ޙަރަކާތްތެރިވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ބިދޭސީއެއް މަރާލުމަކީވެސް ސަރުކާރުން ހަމަ އެހާމެ ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން މިކަން ކުރާ ޤާތިލުން ހޯދުމަށްވުރެން، މިކަންކަމަށް ހިތްވަރުދޭ ‏‏މީހުން އެނގެން މާ މުހިންމު ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވަމުން، ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ހަމަޖެހުން ނަގާލާ ބަޔަކީ އެއީ ކަމުގައި ވިދާޅުވިއެވެ.
‏ފުލުހުންނަކީ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމްކޮށްގެން މަސައްކަތްކުރާ ބައެއްކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ‏ފުލުހުންނަށް ޝުކުރު ޙައްޤު ކިތަންމެ ކަމެއްގައި ތަޢުރީފް އޮހޭ ފަދައިން، ފުލުހުން ކުރާ ‏‏މަސައްކަތަށް ފާޑުކިޔާ މީހުންވެސް މަދެއްނުވާނޭ ކަމުގައި ވިދާޅުވިއެވެ.

‏މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންނަކީ ޤާނޫނުގެ ތެރެއިން ބާރު ލިބިގެން، ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއް ކަމުގައި ބަޔާންކުރައްވަމުން، ‏އެއްވެސް މުޖްތަމަޢެއްގެ ރައްކާތެރިކަމެއް ދައުލަތަކަށް، ނުވަތަ ފުލުހުންނަކަށް ކަށަވަރެއް ނުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މުޅި މުޖްތަމަޢުގެ ސަލާމަތަކީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއވެ.

"ފުލުހުންނަށް ޤާނޫނީ ޒިންމާތަކަކާއި މަސްއޫލިއްޔަތެއް ޙަވާލުކުރެވޭއިރުވެސް، ފުލުހުންނަށް މި ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރަނީ ޤާނޫނުގެ ޙުދޫދުގެ ތެރެއިން. ޤާނޫނުން ފުލުހުން ޒިންމާދާރު ކުރުވާ. ފުލުހުން ޒިންމާދާރު ކުރުވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އޮންނާނެ. އަދި ދައުލަތުގެ އެހެން މުއައްސަސާތައް ހުންނާނެ. ރައްޔިތުންގެ މަޖިލިސް އޮންނާނެ. އަދި އޭގެފަހުން ކޯޓުތައްވެސް އެހެރީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ޖަލްސާގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ ހަނދާނީ ފިލާއާއި، އާންމު ފަރާތްތަކުގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދީފައިވާ ފަރާތްތަކަށް އެކަމުގެ އަަގަންވަޒަން ކުރުމުގެ ގޮތުން ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވިއެވެ. އަދި، މީގެއިތުރަށް ފުލުހުންގެ މެޑަލްވެސް އެމަނިކުފާނު ހަވާލު ކޮށްދެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.