ޖަމިއްޔަތުއް ސަލަފުން އިންތިޒާމް ކޮށްގެން ވަރަށް ޚާއްޞަ ޙަރަކާތްތަކެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށަން އެ ޖަމިއްޔާއިން ހަމަޖައްސައިފިއެވެ.
ޖަމިއްޔަތުއް ސަލަފުން ވިދާޅުވީ، މަދީނާ ޔުނިވަރސިޓީގެ އުސްތާޛެއް ކަމަށްވާ ޑރ. އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ގެ އިތުރުން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޚް މުޖުތަބާ ޙަމީދު ވެސް މި ޚާއްޞަ ހަރަކާތުގައި ވައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވާ ޚާއްޞަ ޙަފްލާގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މީގެ ކުރިން އެންޑްރޮއިޑް ފޯނުތަކަށް އަމާޒުކޮށް ނެރިފައިވާ "salatmv" (ނަމާދު އެޕްލިކޭޝަން) ގެ އައިފޯން ވާރޝަން ނެރުމަށްވަނީ ހަމަޖެހިފައެވެ.
އަދި ޖަމްޢިއްޔަތުއްސަލަފުގެ ތަޢުލީމީ މަޝްރޫޢު އިފްތިތާޙު ކުރުން ހިމެނެއެވެ. މިމަޝްރޫޢު ޝަރަފްވެރި ކޮށްދެއްވާނީ ޑރ. އިޔާދު ޝުކުރީ އެވެ. މިއާއެކު ޖަމްޢިއްޔަތުއްސަލަފުން ފަށާފައިވާ އިންޓަރނޭޝަނަލް ސްކޫލުގެ ތަޞައްވުރު ދައްކާލުން ހިމެނެއެވެ.
މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެ ރޭ ބާއްވަ މިހަފްލާއަށް ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް އެ ޖަމްޢިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މި ހަފްލާ އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެރޭ 9 ޖަހާއިރު އެވެ. މި ހަފްލާ ޖަމްޢިއްޔަތުއް ސަލަފުގެ ޔޫޓިއުބް ޗެނެލްގެ އިތުރުން "ސަލަފްރޭޑިއޯ" އިން ލައިވް ކުރާގޮތަށް ހަމަޖެހިފައި ވާކަމަށް ސަލަފުން ވިދާޅުވިއެވެ.
އެރޭ ޑރ. އިޔާދު ޝުކުރީ ދިެއްވާ ދަރުސް "ސަލްމާން އަލް ފާރިސީ" ތަރުޖަމާ ކޮށްދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ.
މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއޮފް އިސްލާމިކް ސްޓަރޑީޒްގެ ޑީން އައްޝައިޚް ޢަލީ ޒާހިރުގެ ޚާއްޞަ ބަސްކޮޅެއް "އިސްލާމީ ތަރުބިއްޔަތު ގެ މުހިއްމުކަން" މި މައުޟޫޢުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...