ދިވެހި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގައި އުޅެގެން، ދިވެހިރާއްޖޭގައި ވިޔަފާރި ކޮށްގެން، ދިވެހިރާއްޖެއަކީ ދިރިއުޅެވޭނެ ފަދަ، އަދި އެހެން މީހުން ދިރިއުޅެން ބޭނުންވާނެ ފަދަ ތަނަކަށް ބަދަލުކުރުމުގެ ހިތްވަރު ހުރި ބަޔަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި އެލިއާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދިވެހިރާއްޖެއަކީ ސަރުކާރުގެ ދިވެހިރާއްޖެއެއްނޫން ކަމަށާއި، މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެއެއް ކަމުގައި ވިދާޅުވެ، ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރަން ތިބީ ހަމަ އަޅުގަނޑުމެން ކަމަށާއި، ނުވަތަ މިތަނުގައި ދިރިއުޅުމުގެ ޙާލަތު ގޯސް ކުރަންވެސް ތިބީ ހަމަ އަޅުގަނޑުމެން ކަމުގައި ބަޔާންކުރެއްވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުން އެކަނި ކުރެވޭނެ ކަމެއްނޫން ކަމަށާއި، މިއާއެކީ އަޅުގަނޑުމެން އެންމެންގެވެސް ކޮންމެވެސް ކަހަލަ ކެރުންތެރިކަމަކާއި ޢަޒުމެއް ހުންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުޅި މުޖުތަމަޢު މިކަންކަމަށް އެހީތެރިވެދީފިނަމަ ސަރުކާރަށް މިކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...