ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާދަމާ މާލޭގައި ބާއްވާ އެއްވުމަށް ތާއީދު ނުކުރުމަށް ޢިލްމުވެރިންނާއި ދީނީ ޖަމިއްޔާ ޖަމާޢަތްތަކަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިސްލާމީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވާފައި ވާކަމަށެވެ.
އެހެން ކަމުން ޤާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މާދަމާ ނުކުންނަ އެއްވުމަށް ދީނި އިލްމުވެރިންނާއި އިސްލާމީ ޖަމާޢަތްތަކުން ތާޢީދު ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވަނީ ގޮވާލައްޥާފައެވެ.
މާދަމާގެ އެއްވުމަށް ދެކޮޅު ހެދުމަށް ޢިލްމުވެރިންނަށާއި، ދީނީ ޖަމިއްޔާ ޖަމާޢަތް ތަކަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވާފައި ވާއިރު، ޢަދާލަތު ޕާޓީގެ ބައެއް އިސް ވެރިން ގެންދަވަނީ މާދަމާގެ އެއްވުމަށް ހިއްވަރު ލިބޭގޮތަށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނީ ޙައްޤަކާއި ނުލާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމު އިބުރާހީމްގެ ދުވަސް ދުއްވާލާތަން ބަލަން ރައްޔިތުން ހިމޭނުން ނުތިބޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...