ދުނިޔޭގެ ކުރިއަރާފައިވާ ކަމަށް ދަޢުވާކުރާ އިރުމަތީ ޔޫރަޕުގައިވެސް އޮންނަނީ ޑިމޮކްރަސީ ކަމަށާއި އެސަރަޙައްދުގައިވެސް ޑިމޮކްރަސީ އޮންނަނީ ހަމައެކަނި ކާފަރުންނަށް ލިބިދެވޭ އެއްޗެއްގެ ގޮތުގައި ކަމަށް ރަސޫލާ އަށް ފުރައްސާރަ ކުރުމަށްފަހު ތައުބާވެ އިސްލާމްދީން ޤަބޫލުކުރި އާނޯލްޑް ވެންދޫން ވިދާޅުވެއްޖެ އެވެ.
މުސްލިމުންނަށް ދުއްތުރާ ކޮށް ޖެއްސުން ކުރުމުގައި އިސްލާމްވުމުގެ ކުރިން އަރާހުރި އާނޯލްޑް ވިދާޅުވީ އިސްލާމް ދީނަށް އެހާބޮޑަށް ފުރައްސާރަކޮށް ރަސޫލާ އަށް ކާޓޫނު ކުރަހައި ފިލްމު އުފެއްދުމުންވެސް މުސްލިމުންގެ ކައިރިއަށް އޭނާ ޒިޔާރަތް ކުރުމުން ވަރަށް ހިތްތިރި ކަމާއި މަޑުމައިތިރި ކަމާއި އެކު މަރުޙަބާ ކިޔާފައި ވާކަމަށާއި، އެކަމާއި މެދު އަންތަރީސްވެ މުސްލިމުންގެ ކެތްތެރިކަމާއި ހިތްތިރިކަމުން އޭނާގެ ހިތަށް ދަތިކުރަމުން ދިޔަކަމަށެވެ.
އަދި އޭގެ ސަބަބުން އޭނާއަށް އިސްލާމް ދީނާއި މެދު ވިސްނަން އޭނާގެ އަމިއްލަ ޒަމީރު މަޖުބޫރު ކުރުވަމުން ދިޔަކަމަށާއި އިސްލާމް ދީނާއި މެދު ޙަޤީޤީ ތެދު މަޢުލޫމާތު ހޯދަން އޭނާ އަށް މަޖުބޫރު ކުރުވީ މުސްލިމުންގެ މާތް ޝަހުޞިއްޔަތުގެ ސަބަބުން ކަމަށް އާނޯލްޑް ވިދާޅުވިއެވެ.
ހޮލެންޑްގެ ވެރިކަންކުރާ ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އާނޯލްޑް ވެންދޫން ވިދާޅުވީ އޭނާ އިސްލާމް ވުމަށްފަހު ޢުމުރު ދުވަހު އޭނާ އާއި އެކުގައި އުޅުނު ގާތް އެކުވެރިންނާއި ސިޔާސީ މީހުންނާއި އާއިލާއިން އޭނާ އެކަހެރިކޮށް އެކަނިވެރި ކޮށްލި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އާއި މުސްލިމުންނަށް އެހަ ދުއްތުރާ ކުރި މީހަކަސް މުސްލިމުން އޭނާ އަށް މަރުޙަބާކީ އަމިއްލަ އާއިލާގެ މެންބަރެކޭ އެއްފަދައިން ކަމަށެވެ.
އެހެން ކަމުން އިސްލާމް ދީނުގެ މާތް މަތިވެރި އުޚުއްވަތްތެރި ކަމުގެ ގުޅުމުގެ ވަރުގަދަކަމުން އޭނާ އަށް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި، މި ހިތްވަރުން ހިތްވަރު ލިބިގަނެގެން ކުރި މަސައްކަތުން އޭނާގެ ޢާއިލާގެ މެންބަރުންނާއި ދަރިންނާއި ރަޙުމަތްތެރިންގެ ތެރެއިންވެސް ގިނަ ބަޔަކު މިހާރު އިސްލާމް ވެފައި ވާކަމަށް އާނޯލްޑް ވިދާޅުވިއެވެ.
އާނޯލްޑް ވިދާޅުވީ ޑިމޮކްރެޓިކް ޤައުމެއްގައި އޭނާ ބާކީކޮށްލާ އެކަހެރި ކޮށްލީ މުސްލިމަކަށް ވުމުން ކަމަށާއި، މީހާގެ ވިސްނުމާއި ފިކުރުގެ ސަބަބުން އިސްލާމް ދީން ޤަބޫލު ކުރާތީ މުސްލިމުންނާއި މެދު ހޮލެންޑްގައި ވަރަށް ބޮޑަށް ތަފާތު ކުރަމުން ގެންދާ ކަމަށެވެ.
އާނޯލްޑް ވިދާޅުވީ ހުޅަނގުން މޮޅުކޮށްގެން އުޅޭ ޑިމޮކްރަސީގެ ފަހަތުގައި އޮތީ އަނިޔާވެރިކަން ކަމަށާއި މުސްލިމުންނަށް ކުރާ އަނިޔާ އަކީވެސް ޑިމޮކްރަސީ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...