ފުލުހުން ޤާނޫނުލް އުގޫބާތަށް އަހުލުވެރި ކޮށްފި އެވެ.
ފުލުސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް އަހުލުވެރިކުރުމުގެ ގޮތުން ފުލުހުންނަށް ހިންގި ސްޓޭކްހޯލްޑަރ ޕްރޮގުރާމް 38 އޮފިސަރަކު ފުރިހަމަ ކުރައްވައި ސެޓްފިކެޓް ޙާޞިލު ކުރައްވާފައި ވާކަމަށެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އެވެ. މިރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމުން ލިބުނު މަޢުލޫމާތު ތަކުގެ ބޭނުން ހިފައިގެން ޢަމަލީ މައިދާނުގެ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެދިލެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެމީހެއްގެ ތަޖުރިބާ ހިއްސާކޮށްލުމަކީ ވަރަށް މުހިއްމުކަމެއް ކަން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ އާއި ގުޅިގެން ގާއިމުކޮށްފައިވާ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރއިން 2015 ފެބްރުއަރީ 15 އިން ފެށިގެން މި ޕްރޮގްރާމަކީ 03 ދުވަހުގެ މުއްދަތަށް ހިންގި ޕްރޮގުރާމެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމަކީ ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ކަމާބެހޭ އެިދާރާތައް އަހުލުވެރިކުރުމުގެ ގޮތުން އެއިދާރާތަކަށް އަމާޒްކުރެވިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޕްރޮގުރާމްގައި ޤާނޫނުލްއުޤޫބާތުގެ ތާރީޚީ ފަސްމަންޒަރާއި އެ ޤާނޫނު އެކަށައެޅުމުގެ މަސައްކަތް ކުރިޔަށް ދިޔަ ގޮތަށް އަލިއަޅުވާލައި މަޢުލޫމާތު ދީފައިވެއެވެ. އަދި ޤާނޫނުލްއުޤޫބާތް ކިޔުމުގައި ވިސްނުންބަހަށްޓަންވީ ގޮތާއި ޤާނޫނުލްއުޤޫބާތުގެ މަހްފޫމްތައް ވިސްނައިގަންނާނެ ގޮތުގެ އުސޫލުތައް ބުނެދީފައިވެއެވެ. މީގެއިތުރުން ޤާނޫނުލްއުޤޫބާތުގެ ބައިތަކަށް ދިރާސީ ގޮތެއްގައި ބައިވެރިންނަށް ޝަރަހަކޮށްދީ ޖިނާއީ މައްސަލަތަކަށް ޤާނޫނުލްއުޤޫބާތް ތަންފީޒުކުރާނޭ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...