ނާޒިމްގެ ބަންދާއި މެދު ހައިކޯޓުން މާދަމާ ގޮތެއް ނިންމުމަށް އެ މައްސަލަ ހައިކޯޓުގައި މާދަމާއަށް ތާވަލްކޮށްފި އެވެ.
ހައްޔަރުކުރި ކުރުމާއި ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ބާތިލް ކޮށްދިނުމަށް އެދި ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ހުށަހެޅި މި މައްސަލައިގެ ޙުކުމް އިއްވުން ތާވަލު ކޮށްފައި ވަނީ މާދަމާގެ މެންދުރުފަހު 14:15 އަށެވެ.
މި މައްސަލާގައި މިހާތަނަށް ބޭއްވި ހަމައެކަނި އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ ހޯމަދުވަހުއެވެ.
އަދި އެދުވަހު ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ދެން މި މައްސަލާގައި އޮންނާނީ ޙުކުމް އިއްވުން ކަމަށް ހައިކޯޓުން ވިދާޅުވެފައެވެ.
ނާޒިމްގެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ވައްދާފައިވަނީ ދައުލަތުގެ ބޭފުޅުންނާއި ނާޒިމްގެ ގާނޫނީ ޓީމާއި އާއިލާގެ ބޭފުޅުން އެކަންޏެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން ވަނީ ހުރިހާ އެންމެންނަށްވެސް ހަމަހަމަ ކަމާއި އެކު ޙައްޤުތައް ފޯރުކޮށްދިނުމަށާއި، ނާޒިމުގެ ޝަރީޢަތުގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް ގޮވާލާފައެވެ.
އެދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް ވަންނަން މަސައްކަތްކުރި ގިނަ ޢަދެއްގެ ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސްވެރިންނަށް ވެސް ވަނީ ޝަރީޢަތުގެ މަޖިލިސް އަޑުއަހަން ވަދެވޭގޮތް ނުވެފައެވެ.
މި މައްސަލާގައި ޝަރީޢަތުގެ އަޑުއެހުންތައް ސިއްރުކުރާތީ މާލޭގައި މިހާރު ކޮންމެ ރެއަކު ބާއްވަމުންދާ މުޒާހަރާތަކުގެ ތެރޭގައިވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާ ސުވާލު އުފައްދާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...