ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ޕީޕީއެމްގެ ރައިށް މައުމޫނު ސޮއިކުރެއްވި އެއްބަސްވުމާއި ޚިލާފުވެފައި ވާކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމްގެ ވީމީޑިޔާއިން އެއްބަސްވުމުގެ ބައެއް ހާމަކޮށްފިއެވެ.
މި އެއްބަސްވުމުގައި ހިމެނޭ ބައެއް ނުކުތާ ތަކުގެ ތެރެއިން ޖޭޕީން ހާމަކޮށްފައިވާ ނުކުތާ ތަކުގެ ތެޜޭގައި،
ކޯލިޝަން އެއްބަސްވުމުގެ 4 ވަނަ މާއްދާ: ސަރުކާރުގައި ޖުމުހޫރީ ޕާޓީއަށް ލިބޭނެ ޙިއްސާ
4.1 ކޯލިޝަން ސަރުކާރުގައި ޖުމުހޫރީ ޕާޓީއަށް %35 ހިއްސާ ލިބެން ވާނެ އެވެ. މި ހިއްސާއަކީ ކެބިނެޓާއި އައްޔަނު ކުރެވޭ އެހެނިހެން މަޤާމްތަކާއި، ސަފީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުން ނުވަތަ އެހެންވެސް އައްޔަނު ކުރެވޭ މަޤާމްތަކުން، ކޮންމެ ކެޓަގަރީއަކުން %35 އެވެ.
4.2 މިއެއްބަސްވުން ދެމިއޮތްހާ ދުވަހަކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ މީހުން ކަނޑައަޅާނީ ޖުމުހޫރީ ޕާޓީގެ މަޝްވަރާއާއި އެކުގަ އެވެ.
4.3 މިއެއްބަސްވުން ދެމިއޮތްހާ ދުވަހަކު، ދައުލަތުގެ ބަޖެޓާއި، ދައުލަތުގެ މުހިންމު ސިޔާސަތުތައް އެކުލާވާލަންވާނީ ޖުމުހޫރީ ޕާޓީގެ މަޝްވަރާއާއި އެކުގަ އެވެ.
މި އެއްބަސްވުން 2018 ވަނަ އަހަރާއި ހަމައަށް ދެމި އޮންނާނެ ކަމަށާއި، އެއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކިވަކިން ވާދަވެސް ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.
ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ޢަބަދުލްޤައްޔޫމު ސޮއި ކުރައްވާފައިވާ މި އެއްބަސްވުމުގައި ބުނާ ގޮތުން އެއްބަސްވުމުގެ މަތީގައިވާ އެންމެހާ ނުކުތާތަކާ އެއްގޮތަށް ޢަދުލުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޢަމަލު ކުރުމަށް ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް އެއްބަސް ވެފައިވަނީ 13 ނޮވެމެބަރ 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، ޕީޕީއެމްގެ ދެ ނައިބު ލީޑަރެއްގެ ހެކިވެރި ކަމާއި އެކު އެ ދެބޭފުޅުންގެ ހާޟިރުގައެވެ.
. ހެކިވެރިން ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޕީޕީއެމްގެ ނާއިބް ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ރައީސް މޫސާ ޒަމީރެވެ.
ޖޭޕީގެ ލީޑަރު ޤާޞިމް އިބުރާހީމްގެ ވީމީޑިޔާއިން ބުނެފައި ވަނީ ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ވެފައިވާ އެއްބަސްވުމުގެ މަތިން ރައީސް މައުމޫނާއި އެމަނިކުފާނުގެ ސިޔާސީ ބައިވެރިން އަދި ރައީސް ޔާމީނު ހަނދުމަފުޅު ނެތެން ފެށީ ވެރިކަމުގެ ހުވާ ކުރެއްވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި، އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޤާސިމް އިބްރާހީމްގެ ތާއީދު ހޯއްދެވުމަށްފަހު ރައީސް މައުމޫނުގެ ޕީޕީއެމްއިން އުފެއްދި ޔާމީނުގެ ސަރުކާރުން އެއްބަސްވުމާއި ޚިލާފުވެފައިވަނީ އެއްވެސް ބިރެއް ނެތި ކަމަށެވެ.
ވެރިކަމުގެ އާރާއި ބާރު ލިބުމާއި އެކު ކުޑަ ހިނދުކޮޅެއްގައި އެއްބަސްވުމުގެ މަތިން ހަނދާން ނެތިފައި ވާކަމަށާއި، އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް އެޅި ސޮއިގެ މަތިން ހަނދާން ނެތިފައި ވާކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...