ކޮންމެ ފުލުހަކުވެސް ރައްޔިތުންގެ ލޯބި ހޯދަން މަސައްކަތް ކުރުމަށް ޕޮލިސް ކޮމިޝަނަރ ގޮވާލައްވައިފިއެވެ.
އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކޮށް ހަރުދަނާ އުޞޫލުތައް ކަނަޑައެޅުމަށް މަޝްވަރާކުރުމަށް މިމަހުގެ 22 ން 23 ށް އިސްކަންދަރު ކޮށީގައި ކުރިޔަށް ގެންދިޔަ ޑީއޯސީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށް، މިޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް މެނުވީ ދިވެހި ފުލުހުން މިޤައުމުގައި ޙަރަކާތްތެރި ނުވާނެ ކަމަށެވެ.
މިއަދު ފުލުހުންގެ މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަމުން މިދަނީ މަދު ވަޞީލަތާއެކުވެސް މުޅި ޤައުމުގައި ރައްޔިތުންނަށް ބޭނުންވާ، ރައްޔިތުން އެދޭފަދަ ޚިދުމަތް ކޮށްދިނުމަށް ކަމަށާއި މިމަސައްކަތުގައި ފުލުހުން ދެމިތިބެނީ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށެވެ. މިބަދަލުތަކާއެކު ރައްޔިތުންގެ ކިބައިން ފުލުހުންގެ މަސައްކަތާމެދު ހިތްހަމަޖެހުމުގެ ބަސްތައް ލިބެމުންދާކަމަށާއި ކޮންމެ ފުލުހަކުވެސް މިއަދު މަސައްކަތް ކުރަންވީ ރައްޔިތުން އެދޭފަދަ އަދި ރައްޔިތުން ފުލުހުންގެ ކިބައިން ހޯދަން ބޭނުންވާ ޚިދުމަތް ކޮށްދިނުން މަތީ ދެމިތިބުމަށް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެ މަސައްކަތުގައި ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށެވެ. ރައްޔިތުންނަށް ބޮޑު މުސީބާތެއް ނުވަތަ މުހުތާދެއް ކުރިމަތިވާ ކޮންމެ ވަގުތަކީ ފުލުހުންގެ މަސައްކަތުގައި އެލާޓްވާނެ ވަގުތުތަކެއް ކަމަށެވެ. އެހެންކަމުން ނުރައްކާތެރި ޙާދިސާތަކާއި ޙާލަތްތަކާއި ޤުދުރަތީގޮތުން ކުރިމަތިވާ ކަންކަމުގައި ރައްޔިތުންނަށް އެންމެގާތުން އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ މަސައްކަތަށް އަބަދުވެސް ބަދަލު ގެންނަން ޖެހޭނެކަން މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންގެވެސް ވިސްނުން ހުންނަންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އަދި ފުލުހުންގެ މަސައްކަތް އެލާޓަށް ގެންނަ ކޮންމެ ވަގުތަކު މުޅި ފުލުހުންގެ މުއައްސަސާ އެލާޓް ނުވެދާނެކަމަށާއި ވަކިވަކި ޑިވިޜަންތަކުން ނުވަތަ އަތޮޅަކުން ނޫންނަމަ ރަށަކުން ކުރިމަތިވާ ކަންކަމުގައި އެކަމެއް ކުރިމަތިވި ހިސާބަކުން ފުލުހުން ތައްޔާރީ ޙާލަތަށް އައިސް ރައްޔިތުންގެ ޚިދުމަތަށް ހުސްވެގެންދާންޖެހޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި މިގޮތަށް ތައްޔާރީ ޙާލަތަށް އައުމާއެކު އިތުރު ބެކަޕް ބޭނުންވާނަމަ އެކަމަށްވެސް އެންމެ ކައިރި ސަރަޙައްދަކުން ފުލުހުން ސަމާލުގައި ތިބެން ޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަދުވެސް ފުލުހުންގެ މަސައްކަތް ގެންދެވެނީ މިއުޞޫލުން ކަމަށާއި ރައްޔިތުން ފުލުހުންގެ މަސައްކަތާ ދޭތެރޭ އިތުބާރާއި ޔަޤީންކަން ދަމަހައްޓަނީ އެހެންވެގެން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ކޮންމެ ދުވަހަކުވެސް ރައްޔިތުންނާ ކައުންސިލްތަކުން އެދެމުންދަނީ އެރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްދޭން ކަމަށެވެ. ނޫންނަމަ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަށްރަށުގައި މަތިކޮށްދޭން ކަމަށެވެ. ނޫންނަމަ ރަށްރަށުގައި ކުށްމަދުކުރުމުގެ ޕްރޮގްރާމްތަކާއި އިޖުތިމާޢީ ގުޅުން ހަރުދަނާ ކުރުމުގެ ޕްރޮގްރާމް ހިންގައިދޭން ކަމަށެވެ. އެހެންކަމުން އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް މަޝްވަރާކުރެވިގެންދިޔަ ބައްދަލުވުންތަކުގެ ނަތީޖާއިން ރައްޔިތުންގެ އިޙްސާސްތަކަށް އިސްކަންދެއްވާނެކަމަށާއި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި ރައްޔިތުންނާ ބައިވެރިވެ ގުޅިގެންދާ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.
ޑީއޯސީ ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މައްނާން ޔޫސުފް އާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟުގެ އިތުރުން ބައެއް އެގްޒެކެޓިވް އޮފިސަރުންނާއި ހުރިހާ ޑިވިޜަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...