ހުކުރު ކުރުމުގެ ހުއްދަނެތި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާޢަތް ހަދައިގެން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ ޚިލާފަށް ހުކުރުކޮށް ދީނީގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުންގެންދާ މައްސަލާގައި ހައްޔަރުކުރި މީހާ، މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމަކާ ނުލައި ވަކި ޖަމާޢަތް ހަދައިގެން މާލޭގައި ހުންނަ ދަރުމަވަންތަ މިސްކިތުގައި އިމާމެއްކަމަށް ހެދިގެން ހުކުރުކޮށް ޚުޠުބާކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރަމުންގެންދާ މައްސަލާގައެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފޮނުވާފައިވާއިރު، މި އޮކްޓޯބަރު 19 ވަނަ ދުވަހު ދަޢުލަތުން ވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...