ރާއްޖޭގެ ޚަބަރު ޢީދު ކުޅިވަރުގައި ދެއްކި ނަމޫނާ އަށް ޕޮލިސް ކޮމިޝަނަރ ޝުކުރު އަދާކުރައްވައިފި

ޢީދު ކުޅިވަރުގައި ދެއްކި ނަމޫނާ އަށް ޕޮލިސް ކޮމިޝަނަރ ޝުކުރު އަދާކުރައްވައިފި

ޢީދު ކުޅިވަރުގައި ދެއްކި ނަމޫނާ އަށް ޕޮލިސް ކޮމިޝަނަރ ޝުކުރު އަދާކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ އަޟްޙާޢީދުގެ އުފާ ފާޅުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާ މުދަލާ ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކުޅިވަރު ކުޅުމާއި އެހެނިހެން ޙަރަކާތްތައް ގެންގޮސް، ޒަމާނުއްސުރެ ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރި އުޚުއްވަތްތެރިކަން މިޢީދުގައި ފެނިގެން ގޮސްފައިވާކަން ފާހަގަކޮށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޢީދު ބަންދާ ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ޢީދުގެ އުފާޅުކުރުމަށް ފަހި މާޙައުލެއް ޤާއިމް ކުރުމަށް ފުލުހުންގެ ޙަރަކާތްތައް އިތުރުކޮށް، މުޅި ރާއްޖޭގައި ފުލުހުން ޙަރަކާތްތެރިވެފައިވާ ގޮތާބެހޭގޮތުން ޕޮލިސް ލައިފަށް ދެއްވި ބަސްދީ ގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ޢާއްމު ގޮތެއްގައި ޢީދު ބަންދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރައްޔިތުން އެއްރަށުން އަނެއްރަށަށް ދަތުރުކޮށް ކުޅިވަރާ މަޖަލުގައި ހޭދަކުރާ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މިދުވަސްތަކުގައި ޢީދުގެ ކުޅިވަރުތައް ކުޅެ މަޖަލާ އުފާފާޅުކުރުމުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން މުޅި ރާއްޖޭގައިވެސް އިތުރު މަސައްކަތްތަކެއް ކުރަމުންދިޔަކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރާއްޖޭގެ 78 ރަށެއްގައި ފުލުހުން ޤާއިމްވެ ތިބިއިރު އެއިން ކޮންމެ ރަށެއްގައިވެސް ރައްޔިތުން ޢީދުގެ ކުޅިވަރުތައް ފާހަގަކުރަމުންދިޔައިރު ފުލުހުންގެ އެކަންކަން ގާތުން ބަލަމުން ގޮސްފައިވާކަމަށެވެ. އަދި ފުލުހުން ނެތް ރަށްރަށުގައިވެސް ޢީދުގެ ޙަރަކާތްތައް ދިޔަގޮތް ފުލުހުން ބަލަމުންދިޔަކަމަށެވެ. ޖުމުލަ ގޮތެއްގައި ކޮންމެ ރަށަކުންވެސް ފެނިގެން ދިޔައީ ރައްޔިތުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީ، ބައިބައިވުން ދޫކޮށް އެކުވެރިކަމާ އެއްބައިވަންތަ ކަމުގައި ކުޅިވަރުތައް ކުޅެމުންދިޔަ މަންޒަރުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އެހެންކަމުން މި ޢީދުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމާ އެއްބައިވަންތަކަމާ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިން މިންވަރު ފުލުހުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރާ ކަމަށާއި އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ހުރިހާ ފުލުހުންގެ ނަމުގައި އަދި އަމިއްލަ ނަންފުޅުގައި ޝުކުރު ދަންނަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަހަރުގެ ޢީދު ބަންދުތެރޭގައި ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ނުތަނަވަސްކަން ލިބޭނެ މާބޮޑެތި ކަންތައްތަކެއް ހިނގައި ގޮސްފައިނުވާ ކަމަށާއި ފުލުހުންނަށް ހުށަހެޅިގެންދިޔަ މައްސަލަތައްވެސް މަދުވެގެން ގޮސްފައިވާކަމަށެވެ. އިރާދަކުރެއްވިޔާ މިޢީދަކީ ދިވެހިންނަށް ހިތްހަމަޖެހުން ލިއްބައިދިން ޢީދެއްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންގެ މުދަލާ ގޯތިގެދޮރުގެ ރައްކާތެރިކަމާ ކަނޑުމަތީގެ ރައްކާތެރިކަންވެސް މިދުވަސްވަރު ދެމެހެއްޓިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.

އަޟްޙާ ޢީދު ބަންދާ ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ފުލުހުން ވަނީ ފުލުހުންގެ ޙަރަކާތްތައް އިތުރުކޮށް ރަށުތެރެ ބެލެހެއްޓުން ހަރުދަނާކޮށް ގިނަ ޙަރަކާތްތަކެއް ހިންގާފައެވެ. ހަމައެހެންމެ ރައްޔިތުނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކުރެވެންހުރިކަންކަން ދުރާލައިކޮށް ޢީދުގެ ޙަރަކާތްތައް ހިންގުމުގެކުރިން ކައުންސިލްތަކާ ޢީދު ކުޅިވަރު ކޮމިޓީތަކާ ބައްދަލުކޮށް ފުލުހުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ކޮންމެ ޙަރަކާތެއް ކޮންމެ ތަނެއްގައި ގެންދިޔަނަމަވެސް އެޙަރަކާތެއްގެ މަޢުލޫމާތު ފުލުހުންނަށްދީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާމެދު ހުރިހާ ފަރާތްތަކަކާއެކުވެސް ފުލުހުން ވަނީ މަޝްވަރާ ކޮށްފައެވެ.

އަޟްހާ ޢީދު ބަންދާ ގުޅިގެން މުޅި ރާއްޖޭގައި ފުލުހުން ޙަރަކާތްތެރިވަމުންދިޔައިރު ލޮބުވެތި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.