ކޮލަމިސްޓް ޢުރުދުޣާންގެ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ސީސީއަށް ދަޢުވަތު ނުދެއްވީ ކީއްވެ؟

ޢުރުދުޣާންގެ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ސީސީއަށް ދަޢުވަތު ނުދެއްވީ ކީއްވެ؟

ޢުރުދުޣާންގެ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ސީސީއަށް ދަޢުވަތު ނުދެއްވީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އޯގަސްޓު 10 ގައި ބޭއްވި ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފުރަތަމަ ޢާއްމު ވޯޓުން ރައީސްކަމަށް ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާން ރައީސްކަމުގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ވެރިންގެ އިތުރުން ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުގެ ވެރިން ވަޑައިގެންނެވިއެވެ. ޢަރަބި ޤައުމުތަކުގެ އެންމެ އިސްވެރިންވެސް ވަޑައިގެންނެވިއެވެ. އެގޮތުން ޤަތަރުގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އާއި އުތުރު އެފުރިކާގެ ބައެއް އިސްލާމީ ޤައުމުތަކުގެ މަތީ ފެންވަރުގެ ވެރިން ވަޑައިގެންނެވިއެވެ.

ތުރުކީގެ ސަރުކާރުން ދަޢުވަތު ދެއްވީ ޤައުމުތަކުގެ މަތީ ފެންވަރުގެ ވެރިންނަށެވެ. ޢަރަބި ގިނަ ލީޑަރުންގެ ތެރެއިން މިރަސްމިއްޔާތައް ވަޑައިނުގަންނަވާ ބޭފުޅަކު ހުންނެވިއެވެ. މިރަސްމިއްޔާތައް މިޞްރުގެ ރައީސް ޖެނަރަލް ޢަބްދުލް ފައްތާހު ސީސީއަކަށް ދަޢުވަތެއް ނުދެއްވައެވެ. މިހާހިސާބުން ފެންމަތިވެގެން އަންނަ ސުވާލަކީ ޢަބްދުލް ފައްތާހު ސީސީއަށް ދަޢުވަތު ނުދެއްވީ ކީއްވެހެއްޔެވެ.

މިފަހަކަށް އައިސް ތުރުކީ ފާހަގަ ކުރެވިފައިވަނީ ޢަރަބި، އިސްލާމީ ޤައުމުތަކަށް ޚާއްޞަ އަހަމިއްޔަތު ކަމެއްދޭ ޤައުމެއްގެ ގޮތުގައެވެ. ފަލަސްޠީނުގެ މަސްރަހަށް އަލިއަޅުވާލާއިރުވެސް ތުރުކީގެ ވެރިންގެ ބަސްމަގު ހުރީ ޢަރަބި ޤައުމުތަކާއި އެހެނިހެން އިސްލާމީ ޤައުމުތަކުގެ ވެރިންގެ ބަސްމަގަށްވުރެ ހަރުކަށި ކޮށެވެ. އަދި ފަލަސްޠީނަށް ތުރުކީއިން ދޭ އެހީގެ ނިސްބަތް އުޅެނީ ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެވެސް މަތީގައެވެ.

ޢަރަބި އަދި އިސްލާމީ ޤައުމުތަކައި ޚާއްޞަ ގުޅުންތަކެއް ބޭއްވުމަށް މަސައްކަތްކުރާ ތުރުކީއިން އެޤައުމުގެ 12 ވަނަ ރައީސް ހުވައި ކުރުމުގެ ރަސްމިއްޔާތަށް، މިޞްރަށް ދައުވަތު ނުދެއްވުމާ ގުޅިފައިވަނީ މިހާރު މިޞްރުގައި ވެރިކަން ކުރަމުންދާ ސަރުކާރާއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 3 ވަނަ ދުވަހުގެ ކުރިން އެ ވެތުވެދިޔަ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި މިޞްރާއި ތުރުކީގެ ޚާރިޖީ ޙަޔާތުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ނުވާވަރަށް ބަދަހިވެގެން ދިޔައެވެ. އެއީ މިޞްރުގައި ޑިމްކުރެޓިކް ނިޒާމުން އިންތިޚާބު ބާއްވައި މިޞްރުގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ދިމިޤުރާތީ އިންތިޚާބަކުން އިޚްވާނުލް މުސްލިމީންގެ ފަރާތުން މިޞްރުގެ ރައީސްކަމަށް އަލްހާފިޡު ޑރ. މުޙައްމަދު މުރުސީ ވަޑައިގެންނެވި ފަހުންނެވެ.

ނަމަވެސް ރައީސް ޑރ. މުރުސީގެ ވެރިކަމަށް އެއް އަހަރު ފުރުމާ ދިމާކޮށް ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުރަތަމަ ފަހަރަށް މިޞްރުގައި އަށަގަތް ޑިމްކުރެޓިކް ސަރުކާރު "ބަޣާވާތުން" ބިމުން ލުހެލި ހިދުންފެށިގެން މިޞްރުގެ ސަރުކާރު ބަދަލުކުރީ ބަޣާވާތަކުން ކަމަށް އެންމެ ފުރަތަމަ އިޢުލާން ކުރި ޤައުމަކީ ތުރުކީއެވެ.

އެހާހިސާބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދިޔައެވެ.

ތުރުކީއިން ބުނަމުން ދިޔައީ ޑިމްކުރެޓިކް ނިޒާމެއް ފުނޑު ފުނޑުކޮށްލުމަށްފަހު އަންނަ ސަރުކާރަކީ ތުރުކީއިން ޤަބޫލު ކުރާނެ ސަރުކާރެއް ނޫންކަމަށެވެ.

އަދި ޢަބްދުލް ފައްތާހު އައް ސީސީއަށް ފާޅުގައި ފާޑު ވިދަޅުވެ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ލީޑަރަކީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާންއެވެ. އެހެންކަމުން މިޞްރުގެ މިހާރުގެ ސަރުކާރަކީ ތުރުކީއަށް އެހާ މަޤުބޫލު ސަރުކާރެއް ނޫނެވެ.

ޖެނަރަލް ޢަބްދުލް ފައްތާހު ސީސީ މިޞްރުގެ ރައީސްކަމުގެ އިންތިޚާބު ކާމިޔާބުކޮށް ރައީސްކަމުގެ ހުވައި ކުރުމަށް ޖޫން މަހު 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް ތުރުކީއަކަށް ދަޢުވަތު ދީފައެއް ނުވެއެވެ.

މިޞްރުން ޑިޕްލޮމަސީ ހިފަހައްޓަން ބޭނުން ވިނަ ތުރުކީއަށް ދަޢުވަތު ނުދޭންވީ ސަބަބެއް ނެތް ކަމަށް މެދުއިރުމަތީގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ މުފައްކިރުން ވިދާޅުވެފައިވެއެވެ.

ޑރ. މުރުސީގެ ވެރިކަން ބަދަލުވުމަށްފަހު މިޞްރުގެ ސަރުކާރުން، މިޞްރާއި ފަލަސްޠީނުގެ ޣައްޒާ ގުޅޭ  ރަފަހު ބޯޑަރުގައި ހުރަސްއެޅުވުމަކީ ތުރުކީއިން ހިތް ހަމަޖެހޭ ކަމަށް ނުވިއެވެ. އަދި ޣައްޒާ ހަނގުރާމައިގެ ކުރީކޮޅު މިޞްރުން ފުރަތަމަ ހުށަހެޅި ސުލުހައިގެ މުއާހަދަގައި އިސްރާއިލްކޮޅަށް ބުރަވާ ގިނަ ކަންތައްތަކެއް ހުރުމުން ޢުރުދުޣާންގެ ރިޔާސީ އިންތިޚާބު ކެމްޕޭންގައިވެސް ޖެނަރަލް ޢަބްދުލް ފައްތާހު ސީސީއަކީ އިސްރާއީލްގެ މީޑިއާ އެސިފަކުރާ ފަދަ އިސްރާއީލުގެ މަދަދުގާރެއް ކަމަށް ވިދާޅުވެ ސީސީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އެހެންކަމުން ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޢުރުދުޣާން ރިޔާސީ ގަނޑުވަރަށް ވަދެވަޑައިގަންނަވާ ވަގުތު ޖެހުނު އިރުވެސް ބަޔާންވެދިޔަ މިކަން ހިނގާފައި ހުރުމުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް ހިރަފުސް އަރާފައިވުމަކީ ޖެނަރަލް ޢަބްދުލް ފައްތާހު ސީސީއަށް ޢުރުދުޣާން ރިޔާސީ ހުވައި ކުރެއްވުމުގެ ދަރުބާރަށް ދަޢުވަތު ނުދެއްވި ސަބަބެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.