ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަރިހަށް ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ މިއަދު ހެނދުނު އިޙުތިރާމުގެެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ނޭޕާލާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމާއި ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ރާނާ ރައީސުލްޖުމްހޫރިއްޔާއާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފްގެ ޝަރަފުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޖާފަތެއް ވެސް ދެއްވާފައެވެ.
މިޖާފަތްކޮޅުގައި ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ރާނާގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިޖާފަތްކޮޅަށްފަހު ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފްއާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްވަނީ ހަދިޔާ ބަދަލު ކުރައްވާފައެވެ. ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ރާނާގެ މިދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.



ކޮމެންޓް (0)
ލޯޑް ކުރަމުން...