ބުދަދުވަހު ރާއްޖެ ވަޑައިގަތް ސައޫދި އަރަބިޔާގެ ރާބިތަތު އުލަމާއު މުސްލިމީންގެ ވަފުދު ބުރާސްފަތި ދުވަހު އިސްލާމިކް އެފެއަރޒް މިނިސްޓްރީއަށް ޒިޔާރަތްކުރައްވައިފިއެވެ.
މިވަފުދުގައި ހިމެނެނީ ރާބިތަތު އުލަމާއު މުސްލިމީންގެ ރައީސް އަދި ސައުދިއަރަބިޔާގެ ކީރިތި ޤްރުއާނާއިބެހޭ އިލްމު ފަތުރާ މަޖިލީީހުގެ ރައީސް ޕްރޮފެސަރ ފަޟީލަތުއްޝައިޚް ނާޞިރު ބިން ސުލައިމާން އަލްޢުމަރު އާއި އެމަނިކުފާނުގެ އަރިއަހުގައި ވަޑައިގަތްނެވި 11 ބޭފުޅުންނެވެ.
އިސްލާމިކް އެފެއަރޒް މިނިސްޓްރީއަށް ޒިޔާރަތްކުރެއްވުމުން އެބޭފުޅުންނަށް މަރުޚަބާ ދެންނެވީ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި އެމިނިސްޓްރީގެ އިސްވެރިންނެވެ.
މިޒިޔާރަތުގައި މިވަފްދުގެ ބޭފުޅުންވަނީ މަސްޖިދު ސުލްތާން މުޙައްމަދު ތަކުރުފާނުލްއަޢުޒަމަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި އަރަބިއްޔާ ސްކޫލަށާއި ކުއްލިއްޔާއަށާއި ޤައުމީ ޔުނިވަރސިޓީއަށްވެސް ވަނި ޒިޔާރަތް ކުރައްވާފައެވެ.
މިވަފުދުގެ ދަތުރުފުޅުގައި ރާއްޖެއާއި ސައޫދީ އަރަބިޔާގެ އިސްލާމީ މުއައްސަސާތަކުގެ ގުޅުން ބަދަހިކުރެވޭނެގޮތްތަކާއި ސައޫދީ އަރަބިޔާއިން ރާއްޖެއަށް ދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބައްލަވާ އަދި ރާއްޖޭގައި ހުރި އިސްލާމީ މުއައްސަސާތަކާއި ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...