އަދާލަތު ޕާޓީގެ ފަރާތުން މިއަހަރު މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމް ހާޞިލްކުރުމުގެ ފުރުޞަތު ލިބުނު ދަރިވަރުންނާއި ބައްދަލުކޮށްފިއެވެ.
ރޭ އަދާލަތު ޕާޓީ އޮފީހުގައި އޮތް މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ، ޕާޓިގެ ނައިބް ރައީސް ޑރ މަޢުރޫފް ހުަސައިން އަދި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތަޢުލީމް ހާޞިލްކުރުމުގެ ފުރުޞަތު ލިބުނު ދަރިވަރުންނާއި މުޙާތަބު ކުރައްވާ ޝައިޚް އިމްރާންގެ ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ތަޢުލީމް އުނގެނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ، ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ. މިބައްދަލުވުމުގައި ޝައިޚް އިމްރާންގެ އިތުރުން ޑރ. ޝަހީމް، ޑރ އިޔާޟް، ޝައިޚް ލަތީފް އަދި ޝައިޚް އަހުމަދު މޫސާވެސް ވާހަކުފުޅުދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި އެބޭފުޅުންގެ މަދީނާ ޔުނިވަރސިޓީގައި ތަޢުލީމް ހާޞިލްކުރައްވަން އުޅުނުދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރައްވާ ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
މިބައްދަލުވުމުގައި މަދީނާ ޔުނިވަރސިޓީއަށް ހޮވުނު ދަރިވަރުންގެ އިތުރުން، އެޔުނިވަރސިޓީއިން ތައުލީމް ހާސިލްކުރައްވާފައިވާ އައްޝައިޚް އަބްދުހާދީ ހުސައިން އަދި އުސްތާޛް އަލީ ޒާހިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިހާރުވެސް އެޔނިވަރސިޓީގައި ތަޢުލީމް ހާޞިލްކުރަމުންދާ ބައެއް ދަރިވަރުންވެސް ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...