ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފ. ދަރަނބޫދޫގެ ކައުންސިލްގެ 5 ގޮނޑި އަދާލަތު ޕާޓީއިން ކާމިޔާބުކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އަދާލަތު ޕާޓީ ޓިކެޓުގައި ފ. ދަރަނބޫދޫ ކައުންސިލްއަށް ވާދަކުރި 5 ބޭފުޅުންވެސްވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީގެ 5 ބޭފުޅުން، ޕީޕީއެމްގެ 3 ބޭފުޅުން އަދި އަމިއްލަ ގޮތުން 2 ބޭފުޅުން ވަނީ ދަރަނބޫދޫ ކައުންސިލް އިންތިހާބުގައި ވާދަކޮށްފައެވެ.
ދަރަނބޫދޫ ކައުންސިލްގެ އިތުރުން ދަރަނބޫދޫ ހިމެނޭ ނިލަންދޫ ދާއިރާގެ ކައުންސިލް ގޮނޑިއެއްވެސް ވަނީ އަދާލަތުން ކާމިޔާބު ކޮށްފައެވެ.
މިކާމިޔާބީއާއި ގުޅޭގޮތުން ދަރަނބޫދޫ އަދާލަތު ޕާޓީ ގޮފީގެ ރައީސް އަހުމަދު ވަލީދު ވިދާޅުވީ މީއެކުވެރިކަމާ ހިތްވަރާއެކު ކުރި ބުރަމަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން އިންތިހާބުގެ ކެމްޕެއިނަށް އެބޭފުޅުން ނިކުތީ ދަރަނބޫދޫއަށް ހާއްސަ މެނިފެސްޓޯއެއް އެކުލަވާލައިގެން ކަމަށާއި އިންޝާ ﷲ އެމެނިފެސްޓޯގައިވާ ގޮތަށް އިންތިހާބުވި ކައުންސިލްއިން ޢަމަލު ކުރާނެކަމަށެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީއިން 83 ގޮނޑިއަށް ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެޕާޓީއިން ވަނީ 45 ގޮނޑި ކާމިޔާބު ކޮށްފައެވެ.
ކައުންސިލްގެ 5 ގޮނޑިއަށް އަދާލަތު ޕާޓީއިން ވާދަކޮށްފައިވަނީ ހަމައެކަނި ދަރަނބޫދޫއިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...