ޒަކާތަކީ މުއްސަނދިންގެ މުދަލާމެދު ފަޤީރުންގެ ހިތްތައް ސާފުވެ، އެބައިމީހުންގެ ހެޔޮ ދުޢާ މުދަލުގެ އަހުލުވެރިންނަށް ލިބިގެންދާ ސަބަބެއް ކަމުގައި ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
1435 ވަނަ އަހަރުގެ ޞަފަރު މަހުގެ 17 ވަނަ ދުވަހުގެ ޚުތުބާގައިވަނީ މުސްލިމުންނަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ މުދަލަށް ބިރުވެތި ވުމަށާއި އެމުދާ ދެއްވި ކަމުގެ މައްޗަށް ޝުކުރުކޮށް އެމުދަލުން ނެރުމަށް ފަރުޟުކުރައްވާފައިވާ ޒަކާތް ނެރުމަށް ހަނދުމަކޮށްދޭ ކަމަށެވެ. އަދި ޒަކާތް ދިނުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަމަށާއި އިސްލާމް ދީނުގައި ޒަކާތަށް ދެއްވާފައިވާ ޤަދަރު، ކީރިތި ޤުރުޢާނުންނާއި ރަސޫލާ صلى الله عليه وسلم ގެ ހަދީޡް ފުޅުތަކުން އެނގިގެންދާ ކަމަށެވެ.
މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެ ފާނުގެ ޚިލާފަތުގެ ދުވަސްވަރު، ޒަކާތްނެރުމަށް އިންކާރުކުރި މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިކަން ފާހަގަކުރައްވާ ޚުތުބާގައިވަނީ ޒަކާތުގެ ސަބަބުން މުޖުތަމައުން ފަޤީރުކަން ފިލުވާލާކަމަށާއި އަދި ނިކަމެތިންނާއި ފަޤީރުން އުފާކުރުވާ، ހިނިތުންވުމުގެ ޝުޢުރުތައް އެމީހުންގެ ފަރާތުން ފެނިގެންދާ ކަމެއް ކަމަށެވެ. އަދި ޒަކާތް ނެރުމުގެ ސަބަބުން އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީ ގޮތުން ބާރު ލިބިގެންދާ ކަމަށާއި އެކަމުގެ ސަބަބުން މުޖްތަމަޢުގައި އެކުވެރިކަމާއި ރަހްމާއި ހަމްދަރުދީގެ ސިފަ އަށަގަނެ އިޖްތިމާއީ ގުޅުން ބަދަހިވެގެންދާ ކަމަށެވެ.
ﷲ ސުބްހާނަހޫ ވަތަޢާލާ ޒަކާތް ފަރުޟުކުރައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށްޓަކައިކަން ފާހަގަކުރައްވާ ޚުތުބާގައިވަނީ ޒަކާތް ދިނުމުން މަނާވެ ގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށާއި އަދި ވޭން ދެނިވިޢަޒާބު ހުރިކަމެއް ކަމަށެވެ. އަދި ނަމާދުގެ ޙުކުމްތައް ދަސްކުރާފަދައިން ޒަކާތުގެވެސް ޙުކުމްތައް ދަސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ޒަކާތް ވާޖިބުވުމުގެ ޝަރުތު ހަމަވެފައިވާ ކޮންމެ މީހަކު ޒަކާތްނެރުމަށް އަވަސްވެގަތުމަށް ވަސިއްޔަތް ކުރާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...