މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކު އެންމެ އިސްކަމެއް ދެއްވައިގެން ކުރަން ޖެހޭ އެއް ކަމަކީ ކޮމަންވެލްތުން ރާއްޖެ ވަކި ކުރުން ކަމަށާއި، ދެން އިންތިޚާބުވާ ރައީސެއްގެ އަރިހުން ކޮމަންވެލްތުން ރާއްޖެ ވަކިކުރެއްވުމަށް ދަންނަވާނެ ކަމަށް ކޮމަންވެލްތުގައި ރާއްޖެ ބައިވެރި ކުރެއްވި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ނިންމަވާލެއްވުމަށް ރޭ ކާނިވާ ސަރަޙައްދުގައި އެއްވާނަކަށް މި ނަމުގައި ބޭއްވި އެންމެ ފަހު ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖެ ކޮމަންވެލްތުގައި ބައިވެރި ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށާއި، އެހެން ނަމަވެސް އޭރުގެ ޙާލަތާއި މިހާރުގެ ޙާލަތާއި ހާސް ތަފާތު ކަމަށެވެ.
އޭރު ދިވެހި ރާއްޖެ އަކީ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމާއި އެކު އޭރު އެކަން ކުރެއްވީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ޓަކާ ދިވެހިންނަށް އެކަމުން މަންފާއެއް ޙާޞިލު ކުރެވެން އޮތުމުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ޙާޅަތު މިއަދު މުޅީން ބަދަލު ވެފައިވާ ކަމަށާއި، ތަރައްޤީ ނުވާ ޤައުމު ތަކުގެ ލިސްޓުން އުނިވެ ރާއްޖެ ތަރައްޤީ ވަމުން އަންނަ ޤައުމު ތަކުގެ ލިސްޓަށް ބަދަލު ވެފައި ވާތީ، ކޮމަންވެލްތުން މިހާރު ދިވެހިންނަށް ލިބޭނެ މާބޮޑު ފައިދާއެއް ނެތް ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮމަލްވެލްތުން ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހެމުން ގެންދާ ކަމަށާއި، ދިވެހި ދައުލަތުގެ ސިޔާސަތު ތައް ބަދަލު ކުރުމަށް މަޖުބޫރު ކުރުވަން މަސައްކަތް ކުރާ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ސިޔާސީ އެކިއެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް ކޮމަންވެލްތުން އެހީތެރި ވަމުން ގެންދާތީ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ދެން އިންތިޚާބުވާ ރައީސެއްގެ އަރިހުން އެދިވަޑައި ގަންނަވާނެ ކަމަށާއި، އެކަމާއި ގުޅޭގޮތުން މިހާރުގެ ރައީސް ޑރ މުޙައްމަދު ވަޙީދާއި ވެސް މަޝްވަރާ ކުރައްވާފައި ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ރައީސް މައުމޫން ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ޤަދަރަށް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރަމުން އަންނަ ކަމަށް ވިދާޅުވެ ބޭރުގެ ނުފޫޒު ތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވެސް މީގެ ކުރިން ވަނީ ދިވެހި ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ގޮވާލައްވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...