އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުއަށް ތާއީދު ނުކުރައްވާ ކަމަށާއި މިހާރު ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް ޑރ އަބްދުލް މަޖީދު އަބްދުލްބާރީ ވިދާޅުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ވަކިއެއްޗެއް ބުނަން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ދިއިސްލާމްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ މަޖީދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ޤާސިމް އިބްރާހިމްއަށް ވޯޓުދޭން ބުނަންވީ ކީއްވެގެންތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި 2008 ވަނަ އަހަރުވެސް ތާއީދު ކުރީ ޤާސިމް އިބްރާހިމްއަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ބާތިލުކުރި ފުރަތަމަ ބުރުގެ އިންތިހާބުން އެއޮތީ ފެންނަން ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.
"އަޅުގަނޑު ކީއްވެގެންތޯ ޤާސިމް އިބްރާހިމްއަށް ވޯޓު ދޭން ބުނަންވީ؟ ރައްޔިތުން ވޯޓު ދިންގޮތް އެއޮތީ ފެންނަން ނޫންތޯ؟" ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ މަޖީދު މިފަހަރު ހައްޖަށް ވަޑައިގެން މަދީނާގައި ކިޔަވާ ކުދިންތަކެއްގާތު، ނަޝީދުއަށް ތާއީދު ނުކުރައްވާ ކަމަށާއި މިހާރު ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްކަމަށް ބުނުއްވި ކަމަށް ސޯޝަލް މީޑިއާގައިވަނީ ޚަބަރުތަކެއް ފެތުރިފައެވެ. އަދާލަތު ޕާރޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވެސް ވަނީ ޑރ މަޖީދު ސައުދީ އަރަބިޔާގައި ކިޔަވަންއުޅޭ ކުދިންގާތު އެހެން ބުނެފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.
ޑރ މަޖީދުވަނީ ނަޝީދުގެ ވެރިކަމުގައި އިސްލާމިކް އެފެއާރޒް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީއިން އޭރު އޮތް ކޯލިޝަންއިން ވަކިވުމުންވެސް ޑރ މަޖީދުވަނީ ނަޝީދު އިސްތިއުފާ ދެއްވަންދެން އެމަޤާމުގައި ހުންނަވާފައެވެ. އަދި އަދާލަތު ޕާރޓިގެ އިލްމުވެރިންގެ މަޖްލިސްގެ ރައީސްކަމުންނާއި ޕާރޓީގެ މެމްބަރު ކަމުންވެސް ވަނީ ފަހުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...