ރާއްޖޭގެ ދީނީ އިލްމުވެރިން އުޅެނީ އަފްގާންގައި "އޭނަ ކާފަރޭ، މީނަ ކާފަރޭ" ބުނާ މީހުން ގޮތަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާރސަން ރީކޯ މުސާ މަނިކު ބުނެފިއެވެ.
ރޭ ރާއްޖެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ރީކޯ މޫސަ ބުނީ ސިޔާސީ ކަންތައްތައް ފެށިގެންއައީ މުސްލިމުންގެ ހަތަރު ޚަލީފާއިންގެ ތެރެއިން އަލީގެ ފާނުގެ ޚިލާފަތުގައި އަލީގެފާނާއި މުއާވިޔަތުގެފާނާ ދެމެދު ހިނގި "ކޯޅުމެއް" ގެ ތެރެއިން ކަމަށެވެ. އެ "ކޯޅުމުގެ" ތަފްސީލަށް ދާން ބޭނުން ނޫން ކަމަށްބުނެ ރީކޯ މޫސަ އިތުރަށް ބުނީ އެ ހަމަނުޖެހުމުގެ ބައެއް އީރާނަށް ގޮސް އެތަނުގައި ޝީޢީން އުފެދުނު ކަމަށެވެ. އަދި މިޝީޢީން أَشْهَدُ أَنَّ عَلِيٌ وَلِيُّ اللَّهِ ކިޔަމުން ބައެއް ޕާކިސްތާން އަދި އަފްޤާނިސްތާން އަށް ފެތުރިގެން ދިޔައީ ކަމަށެވެ.
އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޤިސާސް ހިފުމުގެ ހުކުމަށް އިޝާރާތްކޮށް ރީކޯ މޫސަ އިތުރަށް ބުނީ ޕާކިސްތާން އަދި އަފްޤާނިސްތާން އަށް ފެތުރިގެން ދިޔަ ޝީޢީ ޖަމާއަތްތަކުން ހަމައެއް ލަމައެއް ނެތި އެތަނުގައި މީހުން މަރަން ބުނަމުން ދިޔަކަމަށާއި އެމީހުންނަކީ ޝަރީޢަތެއް، ހަމައެއް ލަމައެއް ނެތި އުޅޭ ބައެއްގެ ގޮތުގައި ސިފަކުރިއެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ކޔަމުން ރީކޯ މޫސަ އިތުރަށް ބުނީ އަފްޤާނިސްތާންގައި އުޅޭ ހަމައެއް ލަމައެއް ނެތި އުޅޭ މީހުންގެ ގޮތަކީ އޭނަ ކާފަރޭ މީނާ ކާފަރޭ ކިޔުން ކަމަށާއި ރާއްޖޭގެ ދީނީ އީލްމުވެރިންގެ ގޮތަކީވެސް އެއީ ކަމުގައި ރީކޯ މޫސަ ސިފަކުރިއެވެ.
މީގެ ކުރިންވެސް އެމްޑީޕީގެ ތަފަތު އެއްވުންތަކުގައި ރިކޯމޫސަ ވަނީ ވަރަށް ބޮޑަށް ދީނީ ޢިލްމުވެރިންނަށް ފާޑުކިޔާފައެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ “އިންސާފުގެ ދަތުރު”ގެ އެއްވުމެއްގައި ރީކޯ މޫސަ ވަނީ، ޝައިޚް އިލްޔާސް މިސްކިތަކަށް އަރައިފިއްޔާ އެންމެން ފައިބައިގެންދިއުމަށް އޭނަގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރުދެއްވަން ނޫޅުއްވުމަށް ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދީފައެވެ. އަދި 2012 ވަނަ އަހަރުގެ މާރޗް މަހު އުސްފަސްގަނޑުގައި އޮތް އެއްވުމެއްގައިވެސް އެގޮތަށް ގޮވާލާފަވެއެވެ. އަދި އަދާލަތު ޕާރޓިގައި އުޅެނީ ތަނެއް ދޮރެއް ނުބަލާ އަނިޔަވެރި ޝެއިޚުންކަމަށް އެރޭގެ އެއްވުމުގައިވެސް ރިކޯ މޫސަ ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...