ޝައިޚާއި ސުވާލު ކުރެވުނެވެ. މިއީ އިންޑޮނޭޝިޔާގެ އަޚުން ކޮޅެކެވެ. އެމީހުންގެ ސުވާލަކީ: މާތް ﷲ ޝައިޚަށް ރައްކާތެރިކަން ދެއްވާށިއެވެ. އިންތިޚާބުތަކުގައި ވޯޓު ލުމުގައި ބައިވެރިވެ ލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ ސަބަބަކީ ކްރިސްޓިއަން ޕާޓީ އަކުން މި އިންތިޚާބުގައި ވާދަ ކުރެއެވެ. އެމީހުންނަށް ކާމިޔާބު ވެއްޖެނަމަ މުސްލިމުންނަށް އެތަށް ގޮތަކުން ގެއްލުން ތަކާއި ކުރިމަތިވާނެއެވެ. އިންތިޚާބުގައި ވޯޓު ލުމާއި ދެމެދުގައި ދެން އޮތީ އެންމެ ހަފްތާ އެކެވެ. މާތް ﷲ ޝައިޚަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އަޅުގަޑުމެންނަށް މިސުވާލުގެ ޖަވާބު ދެއްވުން އެދެމެވެ.
ޖަވާބުގައި ޝައިޚް ވިދާޅުވެފައިވެއެވެ.
މުސްލިމުން އިންތިޚާބުގައި ބައިވެރިވުމަކީ އޭގައި ފައިދާ ހުރި ގޮތް ކަމަށް ވަނީނަމަ، އެގޮތަށް އެކަން ކުރަންވާނެއެވެ. އިންތިޚާބުގައި ބައިވެރި ވުމުގެ ސަބަބުން ގެއްލުމެއްވެސް ފައިދާ އެއްވެސް ނެތް ކަމަށްވަނީނަމަ ބައިވެރިވެގެން ނުވާނެއެވެ. އިންތިޚާބުގައި ބައިވެރި ވުމުގެ ސަބަބުން ނުބައިކަންތައް ދުރުކުރެވިދާނެ ކަމަށް ފެންނަނަމަ، ނުވަތަ ނުބައިކަން ކުޑަ މީހާ ހޮވިދާނެކަމަށް ފެންނަނަމަ، އެމީހަކީ ކާފަރު މީހެއް ނަމަވެސް، މިޘާލަކަށް މުސްލިމުން މަދުން އުޅޭ ގައުމެއްގައި، ވާދަ ކުރާ ދެކެނޑިޑޭޓުންނަކީ ކާފިރުންނަށް ކަމަށްވެފައި، އެކަކީ މުސްލިމުންނާއި މެދުގައި ޙަސަދަވެރިކަން ބޮޑު މީހަކަށް ވެފައި، އަދި އޭނާ އަށް ބާރެއް ލިބިއްޖެނަމަ މުސްލިމުންނަށް ގޯނާ ކޮށްފާނެ ކަމަށް ބިރު ހިވާނަމަ، އަދި އެމީހަކު ހޮވިއްޖެނަމަ ﷲ ގެ ދީނަށް އުޅުމަށް އުނދަގޫތަކެއް މެދުވެރިވެދާނެފަދަ މީހަކަށްވެފައި، ދެވަނަ މީހަކީ މުސްލިމުންނާއި މެދު ކޮންމެވެސް ވަރެއްގެ އޯގާތެރި ކަމެއް ހުންނަ، އަދި މާބޮޑު ޙަސަދަވެރި ކަމެއް ނުބާއްވާ މީހަކަށްވާނަމަ، އީމާން ކަމުގައި ދަރަޖަ ތަކެއް ހުންނަ ފަދައިން ކުފުރުގައިވެސް ދަރަޖަ ތަކެއް ހުރެއެވެ. ކުފުރުގައި މީސްތަކުން ތަފާތުވެދެއެވެ. އަދި އީމާން ކަމުގައިވެސް މީސްތަކުން ތަފާތުވެދެއެވެ. ވީމާ، މިފަދަ ޙާލަތަކަށް ކަންތައް ގޮސްފިނަމަ، އަދި މުސްލިމުން އިންތިޚާބުގައި ބައިވެރިވެ ވޯޓު ދީފިނަމަ، ނުބައިކަން ކުޑަ މީހާ ހޮވިދާނެ ކަމުގެ އުއްމީދު އޮތްނަމަ، އިންތިޚާބުގައި ބައިވެރިވެ ވޯޓުލާންވާނެއެވެ. މުސްލިމުން އިންތިޚާބުގައި ބައިވެރި ވުމަކުން ހެވެއްވެސް އަދި ނުބައެއްވެސް ނެތްނަމަ، ރަގަޅު ގޮތަކީ ބައިވެރި ނުވުމެވެ. ސަބަބަކީ މިއުޅެނީ މުސްލިމް ޚަލީފާ އަކު ހޮވާކަށް ނޫނެވެ. ކުރިމަތި ލާފައި ތިބީ ހުސް ކާފަރުންނެވެ. ނަމަވެސް ބައެއް ނުބަޔަކީ އެހެން ނުބަޔަކާ އަޅާ ބަލާއިރު ކުޑަ ނުބަޔެކެވެ. ބޮޑު ނުބައިން ސަލާމަތް ވުމަށް ޓަކައި ކުޑަ ނުބައިގާ ހިފުމަކީ އެދެވިގެންވާ ކަމެކެވެ. ފާރިސީންގެ މައްޗަށް ރޫމީންނަށް ކާމިޔާބު ލިބުމުން މުސްލިމުން އުފާކުރި ކަމުގެ ވާހަކަ ކީރިތި ގުރްއާނުގައި އައިސްފައިވެއެވެ. އެދެބައި މީހުންނަކީވެސް ކާފިރުންނެވެ. ނަމަވެސް، ފާރިސީންގެ މައްޗަށް ރޫމީންނަށް ކާމިޔާބު ލިބުމުން މުސްލިމުން އުފާ ކުރީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، ފާރިސީންނަކީ އަލިފާނަށް އަޅުކަން ކުރާ، މުސްލިމުންނާއި މެދު ޙަސަދަވެރިވާ، އަނިޔާވެރި ބަޔެކެވެ. އެބައިމީހުންގެ ގާތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވި ފަތްކޮޅު، ރަސްގެފާނު ވިދާލި މީހުންނެވެ. ނަމަވެސް ރޫމީންގެ ރަސްގެފާނު އެފަތްކޮޅު ރައްކާ ކުރެއްވީއެވެ. މުސްލިމުންނާއި މެދު ހަރުކަށި އަނިޔާވެރި ކާފަރުންނާއި، އެބަޔެއްގެ ފަރާތުން ނުރައްކާތެރިކަން ކުޑަ ކާފަރުން ތަފާތެވެ. މުސްލިމުން ވޯޓު ލުމުގައި ބައިވެރި ވުމުން ނުބައިކަން ކުޑަ މީހާ ހޮވޭނެނަމަ އެގޮތަށް އެކަން ކުރަންވާނެއެވެ. ވޯޓު ލުމުގައި ބައިވެރިވުމަކުން ފައިދާ އެއްވެސް ގެއްލުމެއްވެސް ނެތްނަމަ، ބައިވެރި ވެގެން ނުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...