"ރަމަޟާންމަހަށް ތައްޔާރުވުން" މިނަމުގައި ކަޅުތުއްކަލާކޮށީގައި ދަރުސްއެއް ބާއްވައިފިއެވެ.
ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ދަރުސް ދެއްވީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން ދަރުސް ފައްޓަވައިދެއްވީ ސާޖަންޓް ފަސްޓްކްލާސް ޙުސައިން ފިރާޤް އެވެ. މިދަރުސް ތަޢާރަފާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ލެފްޓިނަންޓް އަޙުމަދު ރަޝީދެވެ.
ގިނަ އަަދަދެއްގެ ސިފައިން ބައިވެރިވި މިދަރުސްގައި ވާހަކަ ދައްކަވަމުން ޝެއިޚް އަލީ ޒާހިރު ވިދާޅުވީ "ބަރަކާތްތެރި ރަމަޟާންމަހަށް އަޅުގަނޑުމެން އިސްތިޤްބާލްކުރާނެ ގޮތް އެ މަސް ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެންނަށް އެނގުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއް"ކަމަށެވެ. އަދި "ރަމަޟާންމަހަށް އިސްތިޤްބާލްކުރަން އަޅުގަނޑުމެން އެހެން މަސްތަކާއި ޚިލާފަށް ތައްޔާރުވާންޖެހޭ ތަފާތު ގިނަގުނަ ސަބަބުތައް އެބަހުރި ކަމަށާއި، އެމަހުގައި ހުރި މަތިވެރިކަމާއި މާތް ކަމާއި އެމަހުގައި ހުރި ހެވާލާބައިގެ ބޮޑުކަމުން އަޅުގަނޑުމެންނަށް ރަނގަޅަށް އެމަސް ބަލައިނުގަނެވިއްޖެކަމަށް ވަނީނަމަ ގެއްލުމާއި ހަލާކު އަޅުގަނޑުމެންނަށް އަތުވެދާނެ"ކަމަށް ވެސް ޝެއިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
"ރަމަޟާން މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަށް ގޮތަކުން މާތްކުރައްވާ މަތިވެރި ކުރައްވާފައިވާ މަހެއް ކަމަށާއި މިމަސް ވަގުތުކުޑަތަންވެގެން އަންނައިރުގައި މިމަހަށް އިސްތިޤްބާލް ކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުތަކެއް ވާން އެބަޖެހޭ އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އެމަހުގައި ކަންތައްތައް ކުރާނެ ގޮތް ރާވާން ޖެހޭ"ކަމަށް ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ. ޝެއިޚް އިތުރަށް ވިދާޅުވީ "ބައެއް މީހުންނަށް ހީވާނީ ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލާ ސަކަރާތް ޖެހުމުގެ މަހެއްކަމަށް. އެއީ ވަރަށްބޮޑު އޮޅުމެއް. އަޅުގަނޑުމެންނަށް އުފާކުރުމާއި ހިތްހަމަޖައްސައިދިނުމާއި މަޖާ ކުރުމުގެ ދުވަސްތަކެއް ﷲ ޝަރުޢީގޮތުން ކަނޑައަޅުއްވާފައި އެބަހުރި.''ކަމަށެވެ.
ޝައުގުވެރި މިދަރުސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
ދަރުސް ނިމިގެންދިޔައީ ދުޢާ ދެންނެވުމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...