ރާއްޖޭގެ ޚަބަރު ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީިޖާ ފާޅުކޮށްފި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީިޖާ ފާޅުކޮށްފި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީިޖާ ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީިޖާ ފާޅުކޮށްފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ ނަތީިޖާ ފާޅުކުރީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިރޭގެ ހަފްލާގައި އެ މުބާރާތުން ތަފާތު އެކި ވަނަ ތަށް ހާސިލްކުރި ފަރާތްތަކަށް ވަނީ ތައްޓާއި އިނާމް ހަވާލުކޮށްފަ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އެންމެ މޮޅު ފަސް ކުދީންގެ ގޮތުގައި ހޮވުނު ކުދިންވެސް ވަނީ ހޮވާފައެވެ.

މިހަފްލާގައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާގެ އިތުރުން، ޤުރްއާން ހިތުދަސްކުރައްވައިގެން އަލްޙާފިޡު ޢަބާން ޢަބްދުﷲ އަށާއި، އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރަށާއި، އަލްޙާފިޡާ ޙުސްނާ ޙުސައިނަށާއި، އަލްޙާފިޡާ ޚަދީޖާ އިބްރާހީމަށް ވަނީ ޙާފިޡު ކަމުގެ ތާޖާއި އިނާމު ހަވާލުކުރައްވާފައެވެ.

ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު ވަހީދުއެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން މިގެންދާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ބާއްވަމުން ގެންދާ މުބާރާތެއް. އެންމެބޮޑު އެއް ބޭނުމަކީ، އަޅުގަނޑުމެންގެ ޅަދަރިންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކޮށް، ޤުރްއާނަށް އޮތް ޝައުޤުވެރިކަން ދެމެހެއްޓުން."ކަމަށެވެ. އަދި "ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދުސްތޫރު. އިލާހީ ޤާނޫނު. މާތްﷲގެ ކަލާމްފުޅު. އަޅުގަނޑުމެން އެންމެންވެސް އެފޮތް ދަސްކޮށް، ﷲގެ ވަޙީގެ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީގޮތުން ތަބާވާންޖެހޭ."ކަމަށްވެސް ރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އިވޭލެއް ވަރަށްމަދުކަން ރައީސް ޑރ ވަހީދު ފާހަގަކުރެއްވިއެވެ.

ޤައުމީ ޤުރްއާން މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަ ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށާއި، އެކި ވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. ހަމައެހެންމެ، މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދްރަސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.