ރާއްޖޭގެ ޚަބަރު

ސޯފާ މައްސަލައިގައި މިނިސްޓަރު ޝަހީމަށް ފިޔަވަޅު އަޅަން ރައީސަށް ދަންނަވައިފި

ސްޓޭޓަސް އޮފް ފޯސް (ސޯފާ) އެގްރިމެންޓްގެ މައްސަލައިގައި ކަން ބޮޑުވާ ފަދަ ވާހަކަފުޅުތަކެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާފައިވާތީ އެމައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ރައީސްއަށް ދަންނަވާފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސޯފާ އެގްރިމެންޓްގެ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީގެ މުޤައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ސޯފާ އެގްރިމެންޓްގެ މައްސަލައިގައި މިނިސްޓަރު ޑރ. ޝަހީމަށް ސޯޝަލް މީޑިއާގައި ވާހަކަފުޅު ދެއްކެވިފައި ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އަދި މީޑިއާގައި އެ ޚަބަރު ގެނެސްދީފައިވަނީ ވެސް އެންމެ ރަގަޅަށް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ، ސޯފާ އެގްރިމެންޓްގެ މައުލޫމާތު އަދި އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައި ވެސް ނުވާނެ ކަމަށާއި ނަމަވެސް އެ އެގްރިމެންޓާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ޝަކުވާތަކެއްގެ ސިފައިގައި ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެފަދަ ކަންކަމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ކަންކަމަށްވާތީ ހަޤީގަތާއި ޚިލާފު ވާހަކަތަކާއި މައުލޫމާތު ފަތުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާ މަޝްވަރާކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ސޯފާ އެގްރިމެންޓްގެ މައްސަލައިގައި ރަނގަޅު މައުލޫމާތު ނުލިބި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިއުމުން ރައްޔިތުންގެ މެދުގައި ސޯފާ އެގްރިމެންޓާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށާއި އަދި ހަގީގީ މައުލޫމާތު ނުލިބި ދެ ގައުމެއްގެ ދެމެދުގައި ބަދަލުކުރާ އެގްރިމެންޓަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމުން ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކަށް ބުރޫ އަރައިގެންދާ ކަމަށެވެ.

ސޯފާ އެއްބަސްވުމާ ބެހޭގޮތުން، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވިދާޅުވެފައިވަނީ، ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބޭ ގޮތަށް އެ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށާއި އިސްލާމީ ގައުމަކަށް ހަމަލަދޭއިރު އެ މީހުންގެ [އެމެރިކާގެ] މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ ކަމަށާއި މިކަމާ އެއްވެސް ދުލެއް ނުދެވޭނެ ކަމަށެވެ.

މިނިސްޓަރ ނާޒިމް މީގެ ކުރިން ވިދާޅުވެފައިވާގޮތުގައި، އެމެރިކާއިން އެ އެއްބަސްވުން މިހާރު ހުށަހަޅާފައިވާ ގޮތާ މެދު ބަންޑާރަ ނައިބުގެ އިތުރުން ރައީސް މުޙަންމަދު ވަޙީދުގެ ވެސް ކަންބޮޑުވުންތަކެއް ހުރުމާ އެކު އެ އެއްބަސްވުމުގެ ކަންތައްތައް މަޑުޖައްސާލާފައިވާ ކަމަށާއި އެ އެގްރީމަންޓް އޮތްގޮތުން ސަރުކާރުން ސޮއި ނުކުރާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *