ރާއްޖޭގެ ޚަބަރު ވެލާނާގޭގައި "ޑޭ ކެއަރ" ގެ ޚިދްމަތް ހަމަޖައްސަނީ

ވެލާނާގޭގައި "ޑޭ ކެއަރ" ގެ ޚިދްމަތް ހަމަޖައްސަނީ

ވެލާނާގޭގައި "ޑޭ ކެއަރ" ގެ ޚިދްމަތް ހަމަޖައްސަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވެލާނާގޭގައި "ޑޭ ކެއަރ" ގެ ޚިދްމަތް ލިބިވަޑައިގަންނަވާނެ އިންތިޒާމެއް ހަމަޖައްސަވަން ޤަޞްދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާއިފިއެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި، އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ވެލާނާގޭގައި "ޑޭ ކެއަރ" ގެ ޚިދްމަތް ލިބިވަޑައިގަންނަވާނެ އިންތިޒާމެއް ހަމަޖައްސަވަން ޤަޞްދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ ސިވިލް ސަރވިސް މުވައްޒަފުންނާ ތާޖުއްދީން ސްކޫލްގައި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރިހާ މުވައްޒަފުންވެސް މަސައްކަތާއި ވަގުތުގެ ބޭނުން، ވީހާވެސް ރަނގަޅަށް ހިއްޕުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ހުސް ވަގުތުކޮޅުގެ ތެރޭގައި ނޫނީ އޮފީހުން ބޭރަށް ވަޑައިނުގަތުމަށާއި، ޙާޒިރީއަށް ފަރުވާ ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މުވައްޒަފުންނަށް މެންދުރު މިހާރު ލިބޭ ހުސްވަގުތުކޮޅު 1 ގަޑިއިރަށް އިތުރުކުރެއްވުމަށް ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރު އެކިއެކި ފަސޭހަތަކާއި ޢިނާޔަތްތައް ހަމަޖައްސައިދިނުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް، އެހެނިހެން މުސްތަޤިއްލު މުއައްސަސާތަކާ ހާރމަނައިޒް ކުރަންޖެހޭ ކަމަށާއި، އެއް މަސައްކަތަށް އެއް އުޖޫރައެއް ދިނުމަކީ، އަސާސީ ޙައްޤެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މުސާރަތައް ހާމަނައިޒް ކުރެއްވުމުގެ މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރަށް އިލްތިމާސް ކުރެއްވިއެވެ.

ވަކިބައެއްގެ މަޞްލަޙަތަށް ނުބައްލަވައި، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވައި، މުޅި ޤައުމާއި ރައްޔިތުންގެ މަޞްލަހަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފެއްގެ މަސްއޫލިއްޔަތާއި ޒިންމާ ވަރަށް ފަރުވާތެރިކަމާއެކު އުފުއްލަވައި، އެންމެންނަށްވެސް ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރެއްވުމެއްނެތި، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސިވިލް ސަރވިސްގެ ޚިދްމަތަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލު ޚިދްމަތަކަށް ހަދަންޖެހޭ ޚިދްމަތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިވިލް ސަރވިސްއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުގެ ތެރޭގައި ބަނދެވިފައި ތިބި ބަޔަކަށްވާނަމަ، އެކަމުން ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބެމުން ދިޔުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ބަޖެޓަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ގެންދެވުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކަންތައްތައް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.