އިސްލާމްދީން އެންމެ ފުރިހަމަ ދީނަކަށްވީ، ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވީގޮތް މިދީނުގައި ކަނޑައެޅި ބަޔާންވެފައިވާތީއެވެ. އެގޮތުން މުސްލިމުން ދިރިއުޅޭ މުޖްތަމަޢުއެއް ނުވަތަ ޤައުމެއްކަމުގައިވާނަމަ ވެރިކަމެއް ޤާއިމުކޮށް ވެރިޔަކު އިސްކުރުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އަދި މުސްލިމުންގެ މައްޗަށް ކަނޑައެޅޭ ވެރިޔަކަށް ކިޔަމަންތެރިވެ ތަބާވުން ވާޖިބު ކުރެއްވިއެވެ. އަދި ވެރިމީހާއާއި އިދިކޮޅަށް ބަސްބުނެ، ވާހަކަ ދައްކައިހެދުން ނަހީކުރައްވާފައިވެއެވެ. އަދި ވެރިމީހާއާ އިދިކޮޅަށް ނުކުމެ ބަޣާވާތް ކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެކަން ހިމެނެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. އެއީ އަޅުގަނޑުމެންގެ މުދާތައް ނުހައްޤުން އަތުލައި އަޅުގަނޑުމެންނަށް އަނިޔާވެރިވާ ވެރިއެއް ކަމުގައި ވީނަމަވެސްއެވެ. އާދެ މިމަތިވެރި ދަރަޖަ ވަނީ މުސްލިމުންގެ ވެރިޔަކަށް ހުންނަ "އިމާމަށް" ދެއްވާފައެވެ.
ކޮންމެއަކަސް ހިތާމައަކީ އަޅުގަނޑުމެންގެ މިސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ކުފުރުގެ ނުރައްކާތެރި އަނދަވަޅަކަށް ވެއްޓުމުގެ ތުންފަތް މަތީގައިވާކަމެވެ. މިލޮބުވެތި ދީބުގައި އިސްލާމްދީން ޤާއިމުކޮށް ތަންފީޛުކޮށް، މިތަނުގައި ދިރިއުޅޭ މުސްލިމު ތަކުންގެ ދީނާއި ދުނިޔެވީ ސިޔާސަތު ހެޔޮގޮތުގައި ހިންގުމަށް، ޙަވާލު ކުރެވިފައިވާ ގިނަވެރީންގެ ކިބައިން ފެންނަމުންދަނީ ދީނުގެ މަތިވެރި ޝަރީޢަތާއި ދުރަށް މިދީބު ގެންދިއުމަށް މަސައްކަތް ކުރަމުންދާތަނެވެ. މިކަމަކީ އެއްވެސް ދިވެއްސަކަށް ވަންހަނާވެ އޮޅިފައި އޮންނާނެ ކަމެއްނޫނެވެ. އާދެ މިއީ ދުވާލުގެ އިރުހައި ސާފުކޮށް ފެންނަން އޮތް ތެދު ޙަޤީޤަތެކެވެ. ޤަބޫލު ކުރިކަމުގައިވިޔަސް ނުވަތަ ނުކުރި ކަމުގައިވިޔަސްމެއެވެ.
އެހެންކަމުން ސުވާލަކީ ވެރީންނަށް ތިބި މީހުން، އިސްލާމީ މަތިވެރި ޢަޤީދާއާއި އިދިކީލަވެ، ޤުރުއާނާއި ސުންނަތުގެ އެތައް ޙުކުމްތަކަކަށް އިންކާރުކޮށް، އެކަންކަން ނައްތާލުމަށް ފާޅުގައި މަސައްކަތް ކުރަމުން ދިޔަކަމުގައި ވީނަމަވެސް އެފަދަ ވެރީންނާއި އިދިކޮޅަށް ނުކުތުންވަނީ އިސްލާމްދީނުގައި ހަމަ ނަހީކުރައްވާފައި ހެއްޔެވެ؟ އެފަދަ ވެރިޔަކާއި އިދިކޮޅަށް ނުކުތުމަކީ ހަމަ ބަޣާވާތްކުރުން ހެއްޔެވެ؟ އަދި އެގޮތަށް ނުކުތުމަކީ، ދީނުގެ ޙުކުމްތަކަށް އިންކާރުކޮށް ފުރައްސާރަކުރުމުގެ ސަބަބުން މީހާ ދީނުން ބޭރުވެ ކުފުރުވުމަށްވުރެވެސް ނުބައިކަން ބޮޑުވެގެންވާ ޙަރާމްކަމެއްތޯއެވެ؟
ކޮންމެއަކަސް ކީރިތި ޤުރުއާނާއި ރަޙުމަތުގެ ނަބިއްޔާގެ މަތިވެރި ޞައްޙަ ސުންނަތުން އެނގި ބަޔާންވެގެންވަނީ ޝިރުކުކޮށް ދީނުން ބޭރުވެ މުރުތައްދުވުމަކީ އެންމެ ބޮޑު ޙަރާމް ކަންތައްކަމުގައެވެ. އެންމެ ބޮޑު ފާފަކަމުގައެވެ. އެއީ ބަޣާވާތްކުރުމަށްވުރެ އެތައްގުނައެއް ނުބައިކަންބޮޑުވެގެންވާ ޙަރާމްކަމެކެވެ. އެކަންއެނގޭ ވަރުގަދަ ހެއްކަކީ، ރަޙުމަތުގެ މާތްނަބިއްޔާ ކަނޑިއުފުއްލަވައި، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާއި ދީނުން ބޭރުވެ މުރުތައްދުވީ މީސްތަކުންނާއި އިދިކޮޅަށް ހަނގުރާމަކުރައްވަވައި އެކަމަށް އަންގަވާފައިވުމެވެ. އެގޮތުން މައްކާގެ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިންނާއި ކުރެވުނު ހަނގުރާމަތަކުގެ ވާހަކަ ޤުރުއާނުގައި ބަޔާންވެފައި އެވަނީއެވެ. އަދި ކިއެއްހެއްޔެވެ! ޝަހާދަތުގެ ދެކަލިމަ ކިޔައިފި ބަޔަކުނަމަވެސް، އެއީ ވެރީންކަމުގައި ވީނަމަވެސް އެބައިމީހުންނާ ދެކޮޅަށް ކަނޑިއުފުލައި ހަނގުރާމަކުރުން ހުއްދަ ކުރައްވާފައިވެއެވެ. އިމާމް ބުޚާރީއާއި މުސްލިމްއާއި މިދެބޭކަލުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. عبادة بن الصامت رضي الله عنه ވިދާޅުވިއެވެ.
"دَعَانَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبَايَعْنَاهُ ، فكان فِيمَا أَخَذَ عَلَيْنَا : أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ ، فِي مَنْشَطِنَا وَ مَكْرَهِنَا ، وَ عُسْرِنَا وَ يُسْرِنَا وَ أَثَرَةٍ عَلَيْنَا ، وَ أَنْ لاَ نُنَازِعَ الأَمْرَ أَهْلَهُ ، إِلا أَنْ تَرَوْا كُفْراً بَوَاحاً ، عِنْدَكُمْ مِنَ اللَّهِ فِيهِ بُرْهَانٌ" (رواه البخاري ومسلم).
މާނައީ: "ކީރިތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންބޭކަލުންނަށް ގޮވާ ގެންނެވިއެވެ. ފަހެ ދެން ތިމަންބޭކަލުން އެކަލޭގެފާނަށް ބައެޢަތު ހިއްޕެވީމެވެ. ދެންފަހެ އެކަލޭގެފާނު ތިމަންބޭކަލުންގެ މައްޗަށް ޢަހުދު ކުރެއްވެވި ކަންތައްތަކަކީ: ކަންކަންކުރުމަށް ރުހޭވަޤުތުތަކުގައްޔާއި ނުރުހޭވަޤުތުތަކުގައްޔާއި، ދިމާވާ އުނދަގޫތަކުގައްޔާއި ފަސޭހަތަކުގައްޔާއި، އަދި ތިމަންބޭކަލުންގެ މައްޗަށް އެހެންބަޔަކަށް އިސްކަންދެވުނު ކަމުގައި ވީނަމަވެސް، އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި ކިޔަމަންވުމެވެ. އެކަންތައްތަކުގެ މައްޗަށް ތިމަންބޭކަލުން އެކަލޭގެފާނަށް ބައެޢަތު ހިއްޕެވީމެވެ. އަދި ވެރިމީހާއާއި އިދިކޮޅުވެ ނުތެދުވުމަށް އެންގެވިއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން، އެއްވެސް އޮޅުމެއް ނެތް ސާފު ކުފުރުކަމުގެ ހެއްކާއި ބުރުހާނު ތިޔަބައިމީހުންގެ ގާތުގައިވާ ކަމެއް، އެމީހެއްގެ ކިބައިން ސާފުކޮށް ފާޅުކޮށް ނުފެންނަހާ ހިނދަކުއެވެ."
މިމައުޟޫގައި ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘްފުޅުތައް ޝަރަޙަ ކުރައްވަމުން އިމާމުއް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
" لا يجوز الخروج على الخلفاء بمجرد الظلم أو الفسق ما لم يغيروا شيئاً من قواعد الإسلام" (شرح صحيح مسلم: 12/195)
މާނައަކީ: "ޚަލީފާއިން ނުވަތަ ވެރީންގެ ކިބައިގާ ހަމައެކަނި ހުރި އަނިޔާވެރިކަމެއްގެ ސަބަބުން ނުވަތަ ފާސިޤު ކަމެއްގެ ސަބަބުން އެބައިމީހުންނާއި ދެކޮޅަށް ނުކުތުން ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް އެއީ އިސްލާމްދީނުގެ ޤަވާޢިދުތަކުގެ ތެރެއިން އެއްވެސް ކަމެއް ބަދަލުނުކޮށް ތިބިކަމުގައިވާނަމައެވެ."
ކޮންމެއަކަސް ބަޔާންވެދިޔަ ޙަދީޘްފުޅުން އެނގިގެންދަނީ، މުސްލިމުންގެ ވެރިޔާ ނުވަތަ އިމާމާއި އިދިކޮޅަށް ނުކުމެ ބަޣާވާތް ކުރުމަކީ އިސްލާމްދީނުގައި ކިތަންމެ ބޮޑަށް ޙަރާމްކުރައްވާފައިވާ ކަމެއްކަމުގައި ވީނަމަވެސް، އެޔަށްވުރެ ބޮޑު ނުބައިކަމަކަށް ވެރިމީހާ އަރައިގަންނަކަމުގައި ވާނަމަ، އެބަހީ ސާފު ކުފުރު އެމީހެއްގެ ކިބައިން ފެނިއްޖެކަމުގައި ވާނަމަ، އެމީހަކާއި އިދިކޮޅަށް ތެދުވެ ވެރިކަމުން ބޭލިދާނޭކަމެވެ. އެހެންނަމަވެސް އެއީ ދީނުގައި ބަޔާންވެފައިވާ ހަމަތަކާއި އުޞޫލުތަކުގެ މަތިންނެވެ. އެކަން މިލިޔުމުގެ ފަހުބައިގާ، ވެރީންނާއި އިދިކޮޅަށް ނުކުތުމާއި ބެހޭގޮތުން މިއުންމަތުގެ ބޮޑު ދެޢާލިމުން ދެއްވާފައިވާ ފަތުވާތަކުގެ ތެރޭން އެއްފަތުވާގައި ގެނެސްދެވޭތޯ ބަލާނަމެވެ. إن شاء الله.
ލޮބުވެތި މުސްލިމު އަޚާއެވެ. ލޮބުވެތި މުސްލިމު އުޚްތާއެވެ. ވިސްނަވާށެވެ. މިސްކިތުގެ ޖަމާޢަތުގެ އިމާމަކަށް ހުންނަ މީހާ، މީސްތަކުންނާއިގެން އިމާމުވެ ނަމާދަށް ހުރެ، އެނަމާދު ބާޠިލުވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ޝައްކެއްނެތް ކަންތައްތަކެއް ޤަޞްދުގައި ކުރާނަމަ، (މިޘާލަކަށް ނަމާދަށް ކޮޅަށްހުރެ ކުޑަކަމުގޮސްފިނަމަ)، ނުވަތަ ނަމާދު ބާޠިލުވާނޭ ނަމާދުން ބޭރު ވާހަކަތައް ނަމާދަށްހުރެ އަޑުހަރުކޮށް ދައްކާނަމަ، ދެން އަދި މިކަންތައްތައް ޢާއްމުކޮށް ތަކުރާރުވާނަމަ، މައުމޫމުން އެއިމާމާގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވާނޭ ހެއްޔެވެ؟ އަދި އޭނާ އެތަނުން ބޭލެވެން އޮވެ ނުބާލާ ތިބުން ހުއްދަވާނޭ ހެއްޔެވެ؟
-ނުނިމޭ-

















ޚިޔާލު