ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލް މަޖިލީހުން ދިރާސާކޮށް އެ ބިލް އާންމުންގެ ޚިޔާލަށް، ރައްޔިތުންގެ މަޖްލީހުން ހުޅުވާލުކަމީ ވަރަށް ރަނގަޅު ކަމެއްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެކޭކަމުގައި، އިސްލާމިކް މިނިސްޓަރުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި އިއްޔެ ލިޔުނު ވާހަކައިން ބައެއް ބޭފުޅުންނަށް ނުރަނގަޅު މަފްހޫމެއްދޭހަވެފައިވާތީވެ އެކަމަށް މަޢާފް އެދިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު އައްޝައިޚް ޝަހީމްގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި އިއްޔެ ލިޔުނު ވާހަކައިން ބައެއް ބޭފުޅުންނަށް ނުރަނގަޅު މަފްހޫމެއްދޭހަވެފައިވާތީވެ އެކަމަށް މަޢާފް އެދި، ޝަހީމްގެ ވާހަކަ އިތުރަށް ތަފްޞީލްކުރައްވަމުން ވިދާޅުވީ، ކުރިން ނެރުނު ފަދަ އިލްތިމާސްއެއް ނެރުނީ ޤާނޫނުލް އުޤާބާތުގެ ބިލާމެދު، އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތް ހާމަކުރުމާއި، މިބިލްގެ ކޮމެޓީ މަރްޙަލާގައި އިސްލާމިކް މިނިސްޓްރީގެ ދައުރެއް އޮތްތޯ ނުވަތަ ނެތްތޯއާމެދު ވަރަށް ގިނަ ބަޔަކު މިނިސްޓްރީއަށް ގުޅަމުންދާތީ ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު ޤާނޫނުލްޢުޤޫބާތުގެ ބިލް މިނިސްޓްރީގެ ފަރާތުން އިތުރަށް ދިރާސާކުރަމުން ދާކަމަށާއި މިކަމުގައި ފިޤުހު އެކަޑަމީގެ އެހީތެރިކަން ހޯދާނެކަމަށްވެސް އިސްލާމިކް މިނިސްޓަރުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.
އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައިވާ ޢުޤޫބާތްތަކަކީ އިޚްތިޔާރީ އެއްޗެއްނޫންކަމަށާއި އެޙުކުމްތަކަކަށް ބަދަލެއް ނުގެނެވޭނެކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވެސް އޮވެއްޖެ ނަމަ އެ ޤާނޫނެއް ނުވަތަ ދީނުގެ އަޞްލުތަކާ ޚިލާފުވާ ބަޔަކީ ބާޠިލް އެއްޗެއްކަމަށާއި އިސްލާމްދީނުގެ އަޞްލު ޤާނޫނު އަސާސީގައި މާނަކޮށްފައިވަނީ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން އޭގެ ޞައްޙަކަމާމެދު ޚިލާފުއުފެދިފަ ނުވާ ސުންނަތާއި ޖުމްހޫރު ޢިލްމުވެރިންގެ ރައުކަމަށްވެސް މިނިސްޓަރު ޝަހީމު ވިދާޅުވިއެވެ.
"މިހެންކަމުން، ރާއްޖޭގައި ހެދޭ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތައް ހުންނަންވާނީ މިހަމައިގެ ތެރޭގައި. އަދި މިހަމަ ހިފެހެއްޓުމަށް ރާއްޖޭގެ ޢިލްމުވެރިންނާއި ރައްޔިތުން މަސައްކަތްކޮށްދިނުމަކީ އަމާނާތެއް. ދީނީ އަދި ޤައުމީ މަސްއޫލިއްޔަތެއް. އިސްލާމީ ޝަރީޢަތުގައި ވަކި ކަމަކަށް އަދަބެއް، ނުވަތަ ޢުޤޫބާތެއް ކަނޑައެޅިފައިވާނަމަ، އެނޫން އަދަބެއް ނުވަތަ ޢުޤޫބާތެއް އެކަމަކަށް އެއްވެސް ބަޔަކަށް ކަނޑައެއްނޭޅޭނެ. ކަނޑައެޅުން ހުއްދައެއްވެސް ނުވާނެ. އެއާމެދު ޚިޔާލުވެސް ނުހޯދޭނެ. ޝަރީޢަތުގައި އަދަބުކަނޑައެޅިފައިވާ ކަންކަން ފިޔަވައި އެހެން ތަޢްޒީރީ އަދަބުތަކާމެދު ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރެވިދާނެ" ކަމަށް އިސްލާމިކް މިނިސްޓަރު އައްޝައިޚް ޝަހީމްގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި މިއަދު ލިޔުއްވާފައިވެއެވެ.
އިސްލާމިކް މިނިސްޓަރު އައްޝައިޚް ޝަހީމު، އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ބިލް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އިސްލާޙްކުރަމުންދިޔަ މަރްޙަލާގައި، އިސްލާމިކް މިނިސްޓްރީންވަނީ އެކޮމިޓީގެ އެދުމުގެ މަތީން އެކޮމިޓީއަށް ޙާޟިރުވެ ބިލްގައިވާ ބައެއްކަންކަމާބެހޭ ގޮތުން މިނިސްޓްރީއަށް ފެންނަ ލަފާއަރުވާފަކަމަށާއި ޚާއްޞަގޮތެއްގައި އިސްލާމްދީނުގެ ޙައްދުތަކާއި ޤިޞާޞްގެ ޙުކުމްތަކާއި، އެކަންކަމަށް އިސްލާމްދީނުގައި އަދަބު ކަނޑައެޅިފައިވާ ކަންކަމާމެދު ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ އަދަބުތަކާމެދު މިނިސްޓްރީންވަނީ ކޮމެޓީ މަރްޙަލާގައި އިސްލާމީޝަރީޢަތުގައިވާ ގޮތްތައް ހިމަނަން ދަންނަވާފައި" ކަމަށެވެ.
މި ބިލަށް ޚިޔާލްހޯދުމަށް ޢާއްމު ކުރެވުނު ހިނދު، ދިވެހިރާއްޖޭގެ އެންމެހާޢިލްމުވެރިން ފަރުދީގޮތުންނާއި ޖަމާޢީ ގޮތުން ޤާނޫނުލްޢުޤޫބާތުގެ ބިލް ރަނގަޅަށް ދިރާސާކުރައްވައި، ޝަރީޢަތާ އެއްގޮތަށް ހުރިކަންކަން ދިފާޢުކުރެއްވުމަށް އިސްލާމިކް މިނިސްޓަރު އެދިލެއްވިއެވެ. އަދި ޚިލާފަށް ހުރިކަންކަމުން، އެޤާނޫނު ރައްކާތެރިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދި އިލްތިމާސްކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...