ވަކި އަދަދަކަށް ސިޔާސީ ޕާޓީތަކުގައި މީހުން ހިމެނުމަށް ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޖަމިއްޔާ ޖަމާއަތް ހެދުމާއި ޕާޓީތައް ހެދުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީގެ އޯކިޑު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން ކޮންމެ ސިޔާސީ ޕާޓިއަކަށް ހަރަދުކުރާކަށް ނުޖެހޭ ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ފައިސާއިން ސިޔާސީ ޕާޓީތަކަށް ހަރަދުކުރާކަށް ވެސް ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި މިހާތަނަށް ރާއްޖެ ކޮށްފައިވާ ތަޖުރިބާއަށް ބަލައި އެއް ސިޔާސީ ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް ނާދިރުކަމަށާ ގައުމީ އިއްތިހާދު އުފައްދާފައިވަނީ ހަމައެކަނި އެޕާޓީ ބޮޑު ކޮށްގެން އެހެން ޕާޓީތައް އެކަހެރިކޮށް ކުރިއަށްދާކަށް ނޫން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...