”ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް“ ޖަމިއްޔާއެއް ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.
ޖަމިއްޔާގެ މުއައްސިސުންނަކީ އައްޝައިޚް ޢަލީ އިބްރާހިމް އާއި އަޖްނާދު ޢަލީއެވެ.
މި ޖަމިއްޔާ އުފެއްދުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ރުޤްޔާ ޝަރުޢިއްޔާ ކުރިއަރުވައި ދިވެހި ރާއްޖޭގައި ކުރާ ރުޤްޔާތަކަކީ އިސްލާމީ ޝަރީޢަތާ ޚިލާފުނުވާގޮތަށް ކުރެވޭ ކަންތައްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކުރުމާއި ޤުރުއާނާއި ސުންނަތާ އެއްގޮތައް ފަރުވާކުރާނެގޮތް އޮޅުންފިލުވައިދީ މީހުން ހޭލުންތެރި ކުރުވުން ހިމެނެއެވެ.
އަދި ޝަރުޢީގޮތުންނާއި ޤާނޫނީ ގޮތުން ރާއްޖެއިން ސިހުރުވެރިކަން ނައްތާލަން މަސައްކަތް ކުރުމާއި ސިހުރުވެރިން އިޞްލާޙުކުރަން މަސައްކަތް ކުރުމަށާއި ޤުރުއާނާއި ސުންނަތާ އެއްގޮތަށް ރުޤްޔާކުރަން ދަންނަ ގިނަ ދިވެހިންތަކެއް އުފެއްދުމަށާއި އިސްލާމީ ޝަރީޢަތާއި ޚިލާފަށް ހިންގާ ކަންކަން އިސްލާޙްކުރުންވެސް ހިމެނެއެވެ.
މީގެއިތުރުން ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ދީނީ އަދި ދުނިޔަވީ އެކި އެކި ކަންކަން އިސްލާމީ ޙުދޫދުގެ ތެރޭގައި ކުރިއަރުވަން މަސައްކަތް ކުރުމަށާއި ޤާނޫނީ ގޮތުން ރުޤްޔާ ޝަރުޢިއްޔާއަށް ބާރުއެޅުމާއި ދިވެހިރާއްޖޭގައި ރުޤްޔާގެ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމަށް ބާރުއަޅައި ސިޙުރުހެދުން މަނާކުރާ ޤާނޫނުތައް ހަދައި ތަންފީޒުކުރުމަށް ބާރުއަޅާ އެކަމަށް މަސައްކަތް ކުރުންވެސް މި ޖަމިއްޔާ އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް ރަޖިސްޓްރީ ކުރެވިފައިވަނީ 16 ޖަނަވަރީ 2013 ގައެވެ.
ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް އިން ވަނީ އެ ޖަމިއްޔާ ރަޖިސްޓްރީ ވުމުގެ ކުރިންވެސް ބައެއް ޚާއްސަ ހަރަކާތް ތަކެއް ހިންގާފައެވެ. އޭގެތެރޭގައި ރުޤްޔާ ޝަރުއިއްޔާގެ އެކި ކޯސްތައް ހިންގުމާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ތަކުގެ އެހީގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާ ކުރާނެ ގޮތް މީހުންނަށް ދަސްކޮށްދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...