
"އިސްލާމް ދީނުގައި އިސްލާމީ ޙައްޤުތައް" މި ނަމުގައި ސިފައިންނަށް ދެއްވި ދަރުސްގެ ތެރެއިން | ފޮޓޯ: އެމް.އެން.ޑީ.އެފް
އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށްދީފައިވާ މިންވަރަށް އެހެން އެއްވެސް ދީނެއްގައި، އެއްވެސް ފަލްސަފާއެއްގައި، އަދި އެއްވެސް ފިކުރީ ނަޒަރިއްޔާއެއްގައިވެސް ހިމާޔަތްކޮށްދީފައިނުވާކަމަށް އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމުގެ ގޮތުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާ ތަކުގެ ތެރެއިން "އިސްލާމް ދީނުގައި އިސްލާމީ ޙައްޤުތައް" މި ނަމުގައި މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އަޙްމަދު ޢަބްދުލްކަރީމް ވިދާޅުވީ އިސްލާމްދީނާމެދު ޝައްކުއުފައްދާ ފަރާތްތަކުން އިސްލާމްދީނުގައި މިނިވަންކަމެއް ނެތްކަމަށާއި، ތަފާތު ކުރުންތަކެއް ގެންގުޅޭކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީނަކީ 20 ވަނަ ގަރުނަށް އެކަށީގެންނުވާ، ކުރިއެރުމުގެ ފުރުޞަތުނެތް، ހުއްޓިފައިވާ، ގަނޑުވެފައިވާ ދީނެއްކަމަށް ބައެއްފަރާތްތަކުން ދެކޭކަމަށާއި، އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުތަކަކީ ނުވަތަ ޝަރުއީ ޚުދޫދުތަކަކީ މިޒަމާނާ އެކަށީގެންނުވާ އަނިޔާވެރި ލާދީނީ އަދަބުތަކެއްކަމަށްވެސް ބައެއްފަރާތްތަކުން ސިފަކުރާކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތަކުގެ ވާހަކަ ޤުރުއާނުގެ ވަރަށް ގިނަ ޢާޔަތްތަކުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވަމުން، އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ އަޙަމިއްޔަތުކަން ކީރިތި ޤުރުއާނުންވެސް އިނގޭކަމަށް ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތަކުގެ ތާރީޚަށް ބައްލަވާލައްވަމުން، ބައެއްފަރާތްތަކުން ޤަބޫލުކުރާގޮތުގައި އިންސާނީ ޙައްޤުތައް ވުޖޫދަށް އައިސްފައިވަނީ 1948 އިންސާނީ ޙައްޤުތަކާބެހޭ ޤަވާޢިދު ވުޖޫދަށް އައުމުންކަމަށް ދެކޭކަމަށާއި، ފަރަންސޭސި އިނގިލާބާއި، އެމެރިކާގެ އިންގިލާބުގެ ސަބަބުން އިންސާނީ ޙައްޤުތަކުގެ ފިކުރު ވުޖޫދަށް އައިސްފައިވާކަމަށް ބައެއްފަރާތްތަކުން ސިފަކުރާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއީ އެއްވެސް ޢިލްމީ ޙަޤީޤަތެއްގެ މައްޗަށް އެކުލެވޭ ވާހަކަތަކެއްނޫންކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ އިންސާނީ ޙައްޤުތައް ރަސްމީ ސިފައެއްގައި މުޅި ދުނިޔެއަށް އިޢުލާން ކުރެއްވީ މިއުންމަތުގެ މާތް ނަބިއްޔާ ޚިޖުރައިން 10 ވަނަ އަހަރު ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަހު ދެއްވި މަޝްހޫރު ޙައްޖަތުލް ވަދާޢުގެ ހުޠުބާގައިކަން ފާހަގަކުރެއްވިއެވެ. އަދި މިއީ އިނގިރޭސި އިންޤިލާބާއި، ފަރަންސޭސި އިންޤިލާބާއި، އަދި އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤާނޫނު ވުޖޫދަށް އައުމުގެ 1300 އަހަރުކުރިންކަން ފާހަގަކުރައްވާފައި ވެއެވެ.
10ޑިސެމްބަރ 1948 ގައި އދ ގެ ޖެނެރަލް އެސެންބްލީއިން ފާސްކޮށް އިޢުލާންކުރި ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް ނުވަތަ އިންސާނީ ޙައްޤުތަކާއިބެހޭ އާންމު ޤަރާރަކީ ހައްޖަތުލް ވަދާޢުގެ ޚުތުބާގެ ވާހަކަ ހަނދާންކޮށްދޭކަމެއްކަމަށް ވިދާޅުވަމުން، މިޚުތުބާގައި ނުހިމެނޭ އެއްވެސް ކަމެއް އދ ގެ މިޤަރާރުގައި ހިމެނިފައިނުވާކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީނުގައި އިންސާނާއަށް ދެއްވާފައިވާ މަޤާމަކީ އެކަލާނގެ އެއްވެސް މަޚްލޫޤަކަށް ދެއްވާފައިނުވާވަރުގެ މަތިވެރި މަޤާމެއްކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނުގައި އިންސާނުންނަށް މިނިވަކަން ދެއްވާފައިވީނަމަވެސް، އެއީ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ދީފައިވާ މިނިވަންކަމެއްކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ ޙައްޤު ގެއްލޭގޮތަށް ފަރުދީ މިނިވަން ހުއްދަނުކުރާކަމަށާއި، އަދި ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ޖަމާޢަތުގެ މިނިވަންކަންވެސް ހުއްދަކުރައްވާފައިނުވާކަމަށް ވިދާޅުވިއެވެ. އިސްލާމްދީނުގައި އިންސާނުންނަށް މިނިވަންކަންދީފައިވަނީ ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްވެސް ބައެއްގެ ޙައްޤު ނުގެއްލޭގޮތަކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މިނިވަންކަމަކީ އެއްވެސް ހިފެހެއްޓުމެއްނެތި އިންސާނުން ބޭނުންހާ ކަމެއްކުރުމުގެ ފުރުޞަތު ދިނުން ނޫންކަމުގައި ފާހަގަކުރައްވާފައި ވެއެވެ.
އިންސާނީ ޙައްޤުތަކަކީ މުއާހަދާއެއް ނުވަތަ ޤަރާރެއްގައި އޮތުމުން ދޭންޖެހޭ އެއްޗެއްނޫންކަން ފާހަގަކުރައްވަމުން، އިންސާނީ ޙައްޤުތަކުގެ މަސްދަރަކީ ޤުރުއާނާއި ސުންނަތްކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކުގެ މަސްދަރަކީ އިންސާނުންގެ ފިރުކުރާއި ބުއްދި އަދި ވިސްނުންކަން ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...