ސުވަރުގޭގައިވާ ނިޢުމަތްތަކަކީ ދުވަހަކުވެސް މީހެއްގެ ލޮލުން ދެކެފައި ނުވާ، ކަންފަތަކަށް އަޑު އިވިފައި ނުވާ އަދި އެއްވެސް މީހެއްގެ ހިތަށް ތަޞައްރަފުވެސް ނުކުރެވޭފަދަ ނިޢުމަތްތަކެއްކަމަށް އައްޝައިޚް މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކޮންމެ ބުރާސްފަތި ދުވަހެއްގައި ޖަމްޢިއްޔަތުއްސަލަފުގެ ވެބްސައިޓުގައި ޝާއިޢުކުރަމުންގެންދާ "ހަފްތާ ނަޞޭޙަތް" ގެ 23 ވަނަ ޢަދަދުގައި ސުވަރުގެ އާބެހޭގޮތުން ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ ސުވަރުގެއަކީ މުއުމިނުންގެ މަޤްޞަދު ކަމަށާއި އަދި އެއީ މުއުމިނުން ޙަޤީޤި ދިރިއުޅުމަކުން ދިރިއުޅެމުން ދިއުމަށްޓަކައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ތައްޔާރު ކުރެއްވި މަންޒިލް ކަމަށާއި ސުވަރުގެއަކީ އެތަނަށް ވަނުމަށްފަހު އެއްވެސް ހިތާމައެއް، އެއްވެސް ބިރެއް، އެއްވެސް ހިތްހަމަނުޖެހުމެއް ލިބޭނެ ތަނެއް ނޫންކަމަށެވެ.
"ސުވަރުގޭގެ އެންމެ ބޮޑު އުފަލަކީ އަޅުގަނޑުމެން ނުފެނި މިއޮއް ހުރިހައި ޒަމާނެއްވަންދެން އަޅުކަން ކުރަމުންދިޔަ އަޅުގަނޑުމެންގެ ވެރި އިލާހުގެ ދީދާރުވުން. ﷲ ސުބުޙާނަހޫ ޥަތަޢާލާ އަޅުގަނޑުމެންނަށް ފެނުން" ޝައިޚް ވިދާޅުވިއެވެ.
ފަސް މިނެޓުގެ ކުރު ނަޞޭޙަތްކޮޅު ނިންމާލައްވަމުން ޝައިޚް ވިދާޅުވީ އަޅުަގނޑުމެން އެންމެވެސް ސުވަރުގެއަށް ދިއުމަށްޓަކައި މަސައްކަތް ކުރަންވީ ކަމަށާއި ﷲ ސުބުޙާނަހޫ ޥަތަޢާލާވަނީ އެ ފުރުޞަތު އަޅުގަނޑުމެންނަށް ދެއްވާފައި ކަމުގައެވެ. އަދި އަޅުގަނޑުމެންނަށް ސުވަރުގެއަށް ދެވެނީ ދުނިޔެމަތީގައި ހެޔޮ ޢަމަލު ކޮށްގެންކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...