ރާއްޖޭގެ ޚަބަރު ވަގު ހުއްދަ ބަހައްޓައިގެން ސިގިރޭޓް ބޯ ކަމުގެ ޝަކުވާ އިތުރުވަނީ

ވަގު ހުއްދަ ބަހައްޓައިގެން ސިގިރޭޓް ބޯ ކަމުގެ ޝަކުވާ އިތުރުވަނީ

ވަގު ހުއްދަ ބަހައްޓައިގެން ސިގިރޭޓް ބޯ ކަމުގެ ޝަކުވާ އިތުރުވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދޭ ނިޝާން

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދޭ ނިޝާން

އަލަށް އަމަލުކުރަން ފެށި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުގެ ޤަވާއިދުގެ ދަށުން ސައިހޮޓާ ތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ސިގިރޭޓް ބުއިމަށް ރަސްމީ ހުއްދައެއް ނަގަން ޖެހުނު ނަމަވެސް ބައެއް ތަންތަނުން ހުއްދަ ނެގުމެއް ނެތި "ވަގު ހުއްދަ" ބަހައްޓައިގެން ސިގިރޭޓް ބުއިމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމުގެ ޝަކުވާ ލިބުން އިތުރުވެފައިވާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލެތް އެންޑް ޑިޒީޒް އިން ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގެ ދަށުން އެކުލަވާލައިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދު"ގެ ދަށުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ގޮތަށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ހުންނަން ޖެހެއެވެ. އަދި އެފަދަ ތަންތަން ކަނޑައެޅޭނީ ވަކި ހުއްދައެއް ލިބިގެން ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.

ސީސީއެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު މަޢުލޫމާތު ދެއްވިގޮތުގައި 31 ޑިސެމްބަރުގެ ނިޔަލަށް ހުއްދަ ނަގަން ހުޅުވާލި މުއްދަތު ހަމަވި އިރު ހުއްދަ ނުނަގާ ތިބި ބައެއް ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލު ކުރެވޭ ސަރަހައްދަކާއި، ނުކުރެވޭ ސަރަހައްދެއް އަމިއްލައަށް ކަނޑައަޅާ އެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދެމުން އަންނަ ކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލައި އެ ފަރާތްތަކާއި މެދު މިހާރުވެސް އިދާރީ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.