
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ގެ ތެރެއިން | ދިއިސްލާމް ފޮޓޯ : އަޝްވާގް
ޢިލްމުވެރިންގެ 2 ވަނަ މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ މަހާސިންތާ ކުރިއަށް ދާނީ މި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހާ ހަމައަށް ކަމަށާއި މިފަހަރުގެ މަހާސިންތާއަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ޢިލްމުވެރިން ތަކެއް ބައިވެރިވާނެ މަހާސިންތާ ކަމުގައި ވެގެންދާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ މަހާސިންތާއަށް 100 އަށްވުރެ ގިނަ ޢިލްމުވެރިންނަށް ދައުވަތު ދީފައި ވާނެ ކަމަށާއި އޭގެ ތެރެއިން 80 އިންސައްތަ ބޭފުޅުން ޔަޤީން ކަން ދީފައިވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ "މި މަހާސިންތާގެ އަމާޒަކީ ދިވެހިރާއްޖޭގައި ކުރިއަށް އޮތްތަނުގައި އިސްލާމީ ތަޞައްވަރު ހިމާޔަތް ކޮށް ދެމެހެއްޓުމަށްޓަކައި ޢިލްމުވެރިންގެ ފަރާތުން އެއްބާރުލުން އެއްބަޔަކު އަނެއްބަޔަކަށް ހޯދައި އިސްލާމީ ދަޢުވަތުގެ މަސައްކަތް ދިވެހިރާއްޖޭގައި ފުޅާކުރުން އަދި ދުނިޔޭގެ ފެންވަރުގައި ޤަބޫލްކުރެވޭފަދަ ވިސްނުމެއްގެ މައްޗަށް އިސްލާމްދީނުގެ ކަންތައްތައް ދިވެހިރާއްޖޭގައި ސާބިތުކޮށް ދެމެހެއްޓުން" ކަމަށެވެ.
މަހާސިންތާގައި އަލި އަޅުވާލެވޭނެ ބައެއް ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނުގައި އިންސާނީ ޙައްޤުތަކާއި އިސްލާމްދީނުގެ ވަޞަޠީ ޚިޔާލްތަކާއި އިސްލާމްދީނުގައި ކަނޑައަޅާފައިވާ ތަރިކަމުދާ ބެހުމުގައި ގެންގުޅޭ އަޞާޞް ތަކާއި މިކަންކަމުގައި ބައެއް މީހުންގެ ވިސްނުމުގައި ހުންނަ ކުށްހީ ތަކާއި އިސްލާމް ދިނުގައި އަންހެނުންގެ މަޤާމް އަދި ހެކި ދިނުމުގައި އޮންނަ ތަފާތުތައް ފަދަ ކަންކަން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި މަހާސިންތާއަށް ބޭރުގެ ބައެއް ފުންނާބު އުސް ޢިލްމުވެރިން ވަޑައިގަންނަވާނެ ކަމަށާއި އޭގެ ތެރޭގައި މަދީނާގެ ބައެއް ޢިލްމުވެރިން ހިމެނޭ ކަމަށާއި އަދި މީގެ އިތުރުން ބައެއް ކޮލެޖް ތަކުންވެސް ކަރުދާސް ހުށަހަޅުއްވާފައިވާ ކަމަށާއި އެގޮތުން ތަފާތު 9 ކަމަކަށް ކަރުދާސް ހުށަހެޅޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މަހާސިންތާގައި ބައިވެރިވުމަށް އިސްލާމް ކިޔަވައިދޭ މުދައްރިސުންނަށްވެސް ދަޢުވަތު ދެވޭނެ ކަމަށާއި މީޑިއާތަކަށްވެސް މަހާސިންތާ ކަވަރ ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...