
އިސްލާމިކް މިނިސްޓަރ ޢައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ : އަޖުނާދު އަލީ
ރައީސް މުހައްމަދު ވަހީދު ގެންދަވަނީ ބައިނަލްއަގްވާމީ އެންމެ މަތީ މަޖިލީސް ކަމަށްވާ އދ. ގައި މުޅި އިސްލާމީ އުއްމަތުގެ ދިފާއުގައި ވަކާލާތު ކުރައްވަމުން ކަމަށް އިސްލާމިކް މިނިސްޓަރ ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅު ވެއްޖެއެވެ.
23 ޑިސެމްބަރު އިއްތިހާދަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ވަހީދު ގެންދަވަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާއި ފަލަސްތީނު ދައުލަތުގެ ދިފާއުގައި ވެސް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރައްވަމުން ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް ފުރައްސާރަކޮށް ތައްޔާރުކުރި ފިލްމާ ދެކޮޅަށް އދ.ގެ އެންމެ މަތީ މަޖިލީހުގައި ސާބިތުވެ ހުންނަވާ ވަކާލާތު ކުރެއްވި ކަމީ އެ މަނިކުފާނު އިސްލާމް ދީނަށް ލޯބިކުރައްވާ މިންވަރު އިސްލާމީ ގައުމުތަކަށް ހާމަވި ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭގެ އިތުރުން ވިދާޅުވީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ރާއްޖެ އިން ވޯޓު ދިން އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާތީ މުޅި އިސްލާމީ އުއްމަތް އެމަނިކުފާނަށް ޝުކުރުވެރިވާ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ވަހީދު އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުއްލެވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންތައް ކުރެއްވީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ. އެގޮތުން މަސްޖިދުލް އަޤްޞާ އަށް އަނިޔާވެރިވަމުން ދިޔަ ޔަހޫދީ ދައުލަތާއި ދިވެހި ދައުލަތާ ގާތް ގުޅުމެއް ބާއްވަން ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަމާ އެ މަނިކުފާނު ހިތާމަފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ވަހީދު މުސްލިމުންނަށް ބަހައްޓަވާ ގާތްކަމުގެ ސަބަބުން މީގެ ކުރިއާ ޚިލާފަށް އިސްލާމީ ގައުމުތަކާ އޮތް ގުޅުން ބަދަހިވަމުން އަންނަ ކަމަށާއި އަދި އިސްލާމީ ދައުލަތްތަކާ ވަރަށް ގާތުން މިހާރު މަސައްކަތް ވެސް ކުރެވޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...