ތ. ވޭމަންޑޫ ފުލުހުން އިސްނަގައިގެން ވޭމަންޑޫގައިތިބި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޤާނޫނުތަކާއި ކުށްކުރުން މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއައް ގެންގޮސްފިއެވެ.
ޕޮލިސް މީޑިއާ އިން ހާމަކުރާ ގޮތުގައި މި ޑިސެމްބަރުމަހުގެ 20 ވަނަ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ތ. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ތ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވޭމަންޑޫ ކޯޓާއި ވޭމަންޑޫ ކައުންސިލް އިދާރާއާއި ތ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންގެ އިތުރުން ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި ވޭމަންޑޫގައި ހިނގަމުން އަންނަ ކުށްތައް މަދުކޮށް ކުށްކުރުމަށް ޙައްލެއް ގެނައުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުންނާއި ކުށަކީ ކޮބައިކަމާއި، ކުށްކުރަން މެދުވެރިވާ ސަބަބުތަކާއި ކުށް މަދުކުރުމަށްޓަކައި ބެލެނިވެރިންގެ ޒިންމާއާއި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒިންމާ އާއި ކައުންސިލް އިދާރާތަކުގެ ބާރުތަކާއި ޒިންމާތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މިހާރު ރަށްރަށުގައި ދިމާވަމުންދާ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ ޤާނޫނުން ބާރުލިބިގެން ހަދަން ޖެހޭ ހުރިހާ ޤަވައިދުތައް ފާސްވެފައި ނެތްނަމަވެސް އެކަންކަން ހައްލުކުރުމަށް ބައެއް ކައުންސިލްތަކުން އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުވުމާއި ބެހޭ ޤާނޫނުގެ ތެރެއިން ކަންކަން ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަންކަން ކުރިއަށް ގެންދާނެގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ސަބަބުން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފުލުހުންނަށް ޝުކުރު އަދާކޮށްފައިވާކަމަށް ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...