ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އާންމުންގެ ތެރެއިން ހޮއްވަވާފައިވާ މެންބަރުކަމުގެ ގޮނޑިއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނަޒީފު އެލްޖީއޭ ބޯޑަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ ނިންމައިފިއެވެ.
އެލްޖީއޭ ބޯޑަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމުގައި ކޮމެޓީން ބައްލަވާފައި ވަނީ އެ ބޭފުޅެއްގެ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕާއި އިންޓެގްރިޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމަށެވެ. މި ކަންތައްތަކަށް ބެލުމަށް ފަހު ކޮމެޓީގެ މެންބަރުން ނަޒީފަށް %95.3 މާކްސް ދެއްވިއެވެ. ނަޒީފުގެ އިތުރުން އެލްޖީއޭ ބޯޑަށް ދެން ކުރިމަތިލެއްވީ ދެ ބޭފުޅުންނަކީ ގދ. ރަތަފަންދޫ ފިނިފެންމާގޭ ޝުޖާއު ހުސައިން އާއި ދަފްތަރު ނަންބަރު 1890 އަހްމަދު ނަޝީދު ހުސައިންއެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝުޖާއުއަށް ލިބިވަޑައިގެންނެވީ %84.5 މާކްސްއެވެ. އަހުމަދު ނަޝީދަށް ލިބިވަޑައިގެންނެވީ %33.7 މާކްސްއެވެ.
އެމްޑީޕީ ޗެއާޕާސަން ރީކޯ މޫސާ މަނިކު މުގައްރިރުކަން ކުރައްވާ އަދި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީންގެ ތާއިދު ލިބިވަޑައިގެންނެވި ނަޒީފު އެލްޖީއޭ ބޯޑަށް އައްޔަން ކުރާނީ އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ތަޅުމުގައި ނަގާ ވޯޓްގެ އަޣުލަބިއްޔަތު އޭނާ އަށް ލިބިގެންނެވެ. އޭނާގެ އިތުރުން ޝުޖާއު ހުސައިންގެ ނަން ވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅަނީ އިންޓަވިއު ކުރި ބޭފުޅުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ އެ ދެބޭފުޅުން ކަމަށްވާތީއެވެ.
އެލްޖީއޭ އަށް އާންމުންގެ ތެރެއިން ކުރިން ހޮއްވަވާފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ މެންބަރު މުހައްމަދު ޒާހިދެވެ. ޒާހިދު މިހާރު ހުންނަ ވަނީ ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މިނިސްޓްރީގެ ނައިބަކަށެވެ. ޒާހިދު ވަނީ އެލްޖީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...