އަންނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީ އިން އެކުލަވާލާ މެނިފެސްޓޯގައި މާބަނޑު މީހުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިންނަށް އެލަވަންސް ދޭން ހިމަނައިފިއެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތެއް އާއްމުކުރުމަށް އެ ޕާޓީއިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕާޓީގެ އިޤްތިޞާދީ ކޮމެޓީގެ ރައީސް އިޔާދު ހަމީދު ވިދާޅުވީ ”ދުޅަހެޔޮ ފެށުން“ ސިޔާސަތުގެ މަޤްޞަދަކީ ކޮންމެ ކުއްޖަކީ ވެސް އިޖުތިމާއީ ރައްކާތެރިކަން ލިބިފައިވާ ދުޅަހެޔޮ، ފާގަތި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ހެދުން ކަމަށެވެ.
އަދާލަތު ޕާޓީގެ މެނިފެސްޓޯ އެކުލަވާލަމުން އަންނަ މައިގަނޑު ތިން ތީމަކީ ފާގަތިކަމާއި ހަމަހަމަކަމާއި ރައްކާތެރިކަމެވެ. މެނިފެސްޓޯ އެކުލަވާލަން ފެށި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތުން ވާދަކުރާނެކަން އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ. އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެތޯ ސުވާލުކުރުމުން އިޔާދު ވިދާޅުވީ އެ ސުވާލުގެ ޖަވާބު އެންމެ މުނާސަބު ވަގުތުގައި ޕާޓީން އިއުލާންކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ބުނީ މިއަދު އާއްމުކުރި ސިޔާސަތު އެކުލަވާލީ ރާއްޖޭގެ ހާލަތުގެ މައްޗަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. ސަރުކާރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 67،000 މީހުންނަކީ ފަގީރުން ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުންނެވެ.
އިޔާދު ވިދާޅުވީ ”ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން 30 އަށް ވުރެ ގިނަ ގައުމުގައި މިހާރު ވެސް އެކި ސްޓޭޖްތަކުގައި އިމްޕްލިމެންޓްކުރަމުން އަންނަ އެއް ސިޔާސަތު މިއީ،“ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީން އާއްމުކުރި އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތު ހިންގާނީ ދައުލަތުގެ ބެޖެޓުން މިހާރު ކުރަމުން އަންނަ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ފަހު ކަމަށެވެ.
ކުރިޔަށް އޮތްތަނުގައި މެނިފެސްޓޯގެ އެހެން ސިޔާސަތުތައްވެސް އިޢުލާން ކުރާނެކަން އެންގިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...