
ދިވެހި ޙައްޖުގެ މިޝަންގެ ފަރާތުން މިފަހަރު އިސްކޮށް ޙައްޖަށް ވަޑައިގަތީ ޝެއިޚް ދީދީ | ފޮޓޯ: ދިއިސްލާމް
ޙައްޖުވެރިންގެ ހާލު ރަނގަޅުކަމަށާއި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވާކަމަށް ދިވެހި ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.
ޙައްޖު މިޝަންގެ ފަރާތުން ޝެއިޚް މުހައްމަދު ދީދީ ދިއިސްލާމްއަށް ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ "އެހެން އަހަރުތަކުގައިވެސް އާންމުކޮށް ދިމާވަމުން އަންނަ ތޮއްޖެހުމުގެ މައްސަލަ މިއަހަރު ވެސް ދިމާވިނަމަވެސް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ދިވެހި ޙައްޖުވެރިންނަށް ދިމާނުވާ"ކަމަށެވެ. އަދި "ޙައްޖުވެރިން ގެއްލުމުގެ މައްސަލަ ދިމާވިނަމަވެސް އެކަން ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ"ކަމަށެވެ. "އެގޮތުން ހުރިހާ ޖަމާއަތްތައް ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ"ކަމަށެވެ.
ޙައްޖުވެރިން ގެއްލުމުގެ މައްސަލާގައި ދިއިސްލާމްއިން ސުވާލު ކުރުމުން ޝެއިޚް ދީދީ ވިދާޅުވީ "މިއަހަރު 3 ޙައްޖުވެރިއަކު ގެއްލުމުގެ މައްސަލަ ކުރިމަތިވި. ފުރަތަމަ ގެއްލުނު 2 ޙައްޖުވެރިވާ ގެއްލުމުގެ މާގިނައިރެއް ނުވެ ފެނުނު."ކަމަށާއި "އެހެންނަމަވެސް އަނެއް ޙައްޖުވެރިއާ ގެއްލިގެން އުޅެނިކޮން ފެނުނީ ގިނައިރުތަކެއްފަހުން އެންމެން ކުރި މަސައްކަތުން"ކަމަށެވެ. އަދި "އޭނާގެ ހާލު ރަނގަޅު"ކަމަށެވެ. ޝެއިޚް ދީދީ އިތުރަށް ވިދާޅުވީ "ޙައްޖާޖީން ގެއްލުމުގެ މައްސަލައަކީ އާންމު މައްސަލައެއްކަމަށާއި އެފަދަ ކަންކަން ސައުދީގެ ކަމާއި ބެހޭ ފަރާތްތައް ގުޅިގެން ހައްލު ކުރަމުންދާ"ކަމަށެވެ. އަދި "އެކަމުގައި ހުރިހާ ޙައްޖުވެރިންނާއި ދިވެހި ކިޔަވާ ކުދިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ"ކަމަށެވެ.
ދިވެހި ޙައްޖު މިޝަންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ "ދިވެހި ޙައްޖާޖީންގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ޙައްޖާޖީންވެސް ޙައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވާކަމަށާއި އެކަމަށް ހުރިހާ އެންމެން އުފާ ކުރަންވީ"ކަމަށެވެ.
ކޮންމެއަހަރަކުވެސް ޙައްޖުވެރިން ގެއްލުމުގެ ހާދިސާތައް ހިނގަމުންދެއެވެ. އެތައް ހާސް ބަޔަކު އެއްތަނަކަށް ޖަމާވެ އަދާކުރަމުންދާ އަޅުކަމެއްގެ ސަބަބުން ވީނުވީ ތަނެއް ނޭނގި އިރުތަކެއް ނަގާ ނަމަވެސް ގިނަ ބަޔެއް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ގިނަ ފަހަރަށް ޙައްޖުވެރިން ސަލާމަތުން ފެންނަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...