ދިވެހިރާއްޖޭގައި ދީނީ އެކިއެކި ޙަރަކާތްތައް ހިންގުމަށް ހެދިފައިވާ ޖަމްޢިއްޔާތަކުގެ ލިސްޓަށް މުޅިން އައު ޖަމްޢިއްޔާއެއް އިތުރު ވެއްޖެއެވެ. "އަލް މިންހާޖު" ގެ ނަމުން ނަންދެވިފައިވާ މިޖަމްޢިއްޔާ އިފްތިތާޙުކޮށްފައިވަނީ ބުދަދުވަހުގެރޭ 10 ޖެހި އިރު އެކަމަށް ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.
މ.ޖަރީމާގޭގައި ބޭއްވި މި ޙަފްލާގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޑިރެކްޓަރު އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސެއިން، މަދަރުސަތުލް ޢަރަބިއްޔާގެ މުދީރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު، އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު، ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު އަލްއަޚް ޢަލީރަމީޒު އަދި އިސްލާމިކްފައުންޑޭޝަންގެ ރައީސް އަލްއަޚް އިބްރާހީމް ފައުޒީ ހިމެނިވަޑައިގަތެވެ.
ޖަލްސާ ތަޢާރަފް ކޮށްދެއްވީ ޖަމްޢިއްޔާގެ ނައިބުރައީސް އަލްއަޚް ޙުސެއިން އާމިރު(އިމާމް އާމިރު) އެވެ. އާމިރުގެ ވާހަކަފުޅުގައި ޖަމްޢިއްޔާގެ މަޤްޞަދުތައް ހާމަކޮށްދެއްވިއެވެ. ޖަމްޢިއްޔާގެ މަޤްޞަދުތަކުގެތެރޭގައި ހިމެނެނީ މައިގަނޑު 5 ކަންތަކެވެ. އެއީ ޙައްޖާއި ޢުމުރާއަށް މީހުން ގެންދިއުން، ދީނީ ދަރުސްދިނުން، ޤުރުއާން އަދި ޢަރަބި ކްލާސްތައް ހިންގުން، ދީނީ ފޮތްތައް ތަރުޖަމާ ކުރުން އަދި ކައިވެނީގެ ކަންތައްތަކުގައި މަގުފަހި ކޮށްދިނުން މިއެވެ.
ނައިބުރައީސްއަށްފަހު ޖަލްސާއަށް ދަޢުވަތުދީފައިވާ ބޭފުޅުންގެތެރެއިން އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ރާއްޖޭގައި އުފެދިފައިވާ ދީނީ ޖަމްޢިއްޔާތަކުގައި އޮންނަންވާނެ ރަޙްމަތްތެރިކަމާއި އެއްބައިވަންތަކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ޖަލްސާގައި ޖަމްޢިއްޔާގެ އެކިއެކި މަޤާމްތަކަށް އައްޔަނުކޮށްފައިވާ ބޭފުޅުންގެ ނަންތައް އިޢުލާނު ކޮށްދެއްވީ ޖަމްޢިއްޔާގެ ރައީސް އަލްއަޚް ޙުސެއިން މަނިކު (ބަނބުކެޔޮ ހުސެއިން) އެވެ. އެގޮތުން ހިންގާކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަލްއަޚް އަޙުމަދު ޒަކީ (އިމާމު ޒަކީ)، އަލްއަޚް މޫސަ (ޤުރުއާނާއި ބެހޭމަރުކަޒް)، އަލްއަޚް ޢަބްދުއްޝުކޫރު އަދި އަލްއަޚް ޢަބްދުލް ޖަލީލް އިސްމާޢީލް (އިމާމް ޖަލީލް) އެވެ.
ޖަމްޢިއްޔާގެ ރައީސް އަދި ހަޒާންދާރަކީ އަލްއަޚް ޙުސެއިން މަނިކު (ބަނބުކެޔޮ ހުސެއިން) އެވެ. އަދި ސެކެޓްރީއަކީ އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނެޓަށް ދެމިގެންދިޔަ މިޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ޖަމްޢިއްޔާގެ ރައީސް އެވެ. އަދި ޖަލްސާއަށް ވަޑައިގެންދެއްވި ހުރިހާބޭފުޅުންނަށް ޖަމްޢިއްޔާގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ޖަލްސާ ނިންމާލެއްވީ ބިލެތްމީރުކޮށްލެއްވުމަކުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...