އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ ސަމިޓަށް ރާއްޖޭގެ ރައީސް މައްކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ޓްވިޓާރގައި ވިދާޅުވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މާއްކާގައި ބާއްވާ އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ގެފުޅަށް ވަޑައިގެން ރާއްޖެ އަށް ރަހުމަތަށް އެދި ދުޣާކުރައްވާނެ ކަމަށެވެ.
ސައޫދީ ރަސްގެފާނު ޢަބްދުﷲ ގެ ދައުވަތަކަށް އޯއައިސީގެ ގައުމުތައް ސަމިޓަށް މައްކާއަށް ޖަމާވާއިރު އެޖެންޑާ ކޮށްފައިވަނީ އިސްރާއީލުން ހިފާފައިވާ ޤުދްސާއި ފަލަސްތީނުގެ މައްސަލައިގެ އިތުރުން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުންނާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައްސަލައާއި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ މައްސަލަ އެވެ.
އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ކުރިއަށްދާނީ މި މަހުގެ 14 އިން 15 އަށް މައްކާގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...