ރާއްޖޭގެ ކުށްކުރުމުގެ ރޭޓް ދުވަހެއް ދުވަހަކަށް މިދަނީ މަތިވަމުންނެވެ. އަތް ނުފޯރާ ހިސާބަށް ކުށްކުރާ މީހުން އެއްވެސް ޖެހިލުމެއް ނެތި އެދަނީ އިންސާނާގެ ފުރާނަ ދުއްވާލަމުންނެވެ. ދާދިފަހުން އަނިޔާވެރި ގޮތަކަށް މަރާލެވުނު މަޝްހޫރު ލޯޔަރު ނަޖީބްގެ މަރާލުމުގެ ކުށަށް އިއުތިރާފްވެފައިވާ ދެ ކުށްވެރިން އެކަމަށް އިއުތިރާފްވެފައިވަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. އެހެންކަމުން އެމީހުން އެތިބީ 'މީހަކު މަރާލި'ކަމަށްޓަކައި ދެރަވެ ހިތާމަ ކުރާ ހާލެއްގައެއް ނޫނެވެ. ސަބަބަތަކުގެ ތެރޭގައި މީހަކު މަރާލުމުގެ ކުށަށް 'މަރު' ނާންނާނެކަމުގެ ޔަގީންކަން އޮންނާނެތީއެވެ.
މިއީ އަނިޔާވެރިގޮތަކަށް ރާއްޖޭގައި މީހަކު މަރާލެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ އޮފީސްތެރެއިން އަޒްލީނާ މަރާލި ހާދިސާއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަތިލުން ވަނީ އާންމުވެފައެވެ. ކުދި ކުދި މައްސަލައިން ފެށިގެން ބޮޑެތި މައްސަލަތަކުގެ ނިމުން 'މަރު'ކަމުގައި ވެގެން މިދަނީ ތަންފީޒީ އިދާރާގެ ދޯހަޅި ކަމުންނޭވެސް ބުނެވިދާނެއެވެ. ކުށްވެރިންގެ ކުށްތަކަށް އެކަށީގެންނުވާ އަދަބު ދެވި ހުކުމް ތަންފީޒު ކުރަން ޖަލަށް ވަންނަ ހިސާބުން ކޮންމެވެސް ސިޔާސީ 'މާފެއް' ލިބި އަނެއްކާވެސް އާންމުންގެ ތެރެއަށް އަންނަނީ މުޅިން ސާފު މީހެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވެގެންދަނީ އަނެއްކާވެސް ކުށުގެ ތެރެއަށް މީހާ ގެނބިގެން ދިއުމެވެ.
'މަރަށް މަރު' ހިފުމުގެ ވާހަކަ އަކީ ރާއްޖޭގައި އާންމުކޮށް ދެކެވޭ ވާހަކައެކެވެ. ޤާނޫނުގައި ލިޔެވިފައިވާ މިހާތަނަށް ތަންފީޒު ނުކުރެވިފައިވާ ކަމެކެވެ. ތަންފީޒު ނުކުރެވުމުގައި ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ބޭރުގެ ޕްރެޝަރާއި އެތެރޭގެ ޕްރެޝަރުވެސް މީގައި ވަކި ކުޑައެއް ނޫނެވެ. 'މަރަށް މަރު' ގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ ތިމާ ދަންނަ މީހެއް އިހާނަތި ގޮތެއްގައި މަރާލެވިފައިވާނަމައެވެ. އެފަދަ ހާލަތެއްގައި ލިބިފައިވާ ހިތްދަތިކަމުގެ ސަބަބުން 'އެނޫން ގޮތެއް ނޯންނާނެ'ކަމަށް ޤާޒީގެ ކުރިމަތީގައާއި އާންމުގެ ތެރޭގައި ބުނެ، 'މަރަށް މަރު' ހިފުމަށް ހިތްވަރު ދެއެވެ. އަދި މިއީ މިކަމަށް އޮތް ހަމައެކަނި ހައްލުކަމުގައި ބުނަމުންދެއެވެ. އަދި އެކަމަށް ގާޒީ ގާތު އެދުމަށްފަހު އެކަން ތަންފީޒު ނުކުރުމުން ހިތްހަމަނުޖެހުން ފާޅުކުރަމުންދެއެވެ.
މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަންޖެހޭ ހާލަތަށް އައިސްފައިވާއިރު އެކަން ނުކުރަން މިއުޅެނީ ކީއްވެގެންބާއެވެ؟ އާންމުގެ ބޮޑު ޕަސެންޓެއް މަރުގެ ހުކުމަށް 'އާއެކޭ' ބުނާއިރު މަދު ބައެއްގެ އެދުމާއި އެއްގޮތަށް މަރުގެ އަދަބަށް ޖަލު ހުމް އެދަނީ އިއްވަމުންނެވެ. ޖަލު ޖަލަކަށް ނުވާއިރު އެކުއްވެރިއާއަށް އެދެވެނީ ހައްގު އަދަބު ކަމާއި މެދު ސުވާލު އުފެދެއެވެ.
ކޮންމެފަހަރަކު ތިމާގެ މީހަކު މަރުވާކަށް ލާޒިމެއް ނޫނެވެ. ނުދަންނަ މީހަކު މަރުވިނަމަވެސް އެމީހަކަށް އިންސާފު ލިބުމަށް ފަރުދީ ގޮތުން މަސައްކަތް ކުރަން އެބަޖެހެއެވެ. އަދި އެކަމަށް އޮންނަ ހައްޤު އަދަބު ދިނުމަށް ބާރު އަޅަންޖެހެއެވެ. މާދަމާ އަނިޔާވެރިގޮތެއްގައި މަރާލެވޭނީ ތިޔަ ބޭފުޅުންގެ ތެރެއިން ކާކުކަމެއް ނޭނގެއެވެ. ރާއްޖޭގައި މީހުން މެރުމުގެ ނިސްބަތް މައްޗަށް ޖެހިފައިވާއިރު މާދަމާ ވެސް މީހަކު މަރާނުލެވޭނެކަމެއް ނޭނގެއެވެ.
ރައްކާވެ ތިބިއްޔާ ދަތުރެކެވެ. މަރަށް މަރު ހިފުމަކީ ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...