މާދަމާ ރޭ ފުރުޤާން މިސްކިތުގައި ބާއްވާ ދަރުސްއިން އެތީސްޓުންގެ އެތައް ސުވާލެއްގެ ޖަވާބު ލިބިގެންދާނެކަމަށް ދަރުސް ދެއްވާ ޝެއިޚް އާއި ހަވާލާދީ ދަރުސް އިންތިޒާމްކުރާ ޒުވާނުން ހާމަކޮށްފިއެވެ.
‘އިސްލާމް ދީނަކީ ޙައްޤު ދީން’ މި މަޢުޟޫގެ މައްޗަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 8.30 ގައި ފުރުޤާން މިސްކިތުގައެވެ. ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ކުރިޔަށްގެންދާ މިދަރުސްގައި ދިވެހި މުޖުތަމަޢު މިހާރު އޮތް ހާލަތާއި ބެހޭ ގޮތުން ޝެއިޚް ވާހަކަފުޅު ދައްކަވާނެކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމަތު ދެއެވެ. އަދި މީގެ އިތުރުން ދަރުސްގައި ދީން ގަބޫލު ނުކުރާ މީހުން ދައްކާ ވާހަކަތަކަށް އެކަށޭނެ ޖަވާބުތަކެއް ލިބިގެންދާނެކަމަށްވެސް ޚަބަރު ލިބެއެވެ.
ދެޖިންސުގެ މީހުންނަށްވެސް މިދަރުސްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށާއި ރޭޑިއޯ އެޓޯލްއިން މިދަރުސް ލައިވު ކުރުމަށް ހަމަޖެހިފައިވާކަމަށް ދަރުސް އިންތިޒާމް ކުރާ ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...