ސޫރިޔާގައި އަނިޔާލިބެމުންދާ މުސްލިމުންނަށް އެހީވުމަށް ދިވެހިން ހޭލުންތެރިކުމުގެ ގޮތުން ބާއްވާ ތަފާތު ހަރަކާތްތަކުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާނެ ފަރާތްތައް ކަނޑައަޅައިފިއެވެ.
ވޮލަންޓިއަރުން އެކުލަވާލައިފައިވަނީ ސީރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހިންގަމުންދާ "އަންޞާރުއްޝާމް" ކެމްޕެއިންގައި ވޮލަންޓިޔަރކޮށް މަސައްކަތްކުރާނެ ފަރާތްތައް ނެގުމަށްޓަކައި ރޭ އިމާދުއްދީން ސުކޫލުގައި ބޭއްވި "އަންޞާރުއްޝާމް"ގެ ދެވަނަ ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި "އަންޞާރުއްޝާމް"ގެ ފަރާތުން ވާހަކަދެއްކެވި އަފްސަލް ވިދާޅުވީ އެކެމްޕޭނަށް ދިވެހިންނަށް ދެ ވައްތަރެއްގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށެވެ. އެގޮތުން މާލީ ގޮތުންނާއި އަދި ފަންނީ ގޮތުންވެސް ދިވެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އަފްސަލް ވިދާޅުވިއެވެ.
" މާލީ ގޮތުންނާއި، ފަންނީ ގޮތުންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ" އަފްސަލް ވިދާޅުވިއެވެ.
"އަންޞާރުއްޝާމް"ގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު އޮތްކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
ރޭގެ ބައްދަލުވުމުގައި ޝައިޚް ޖައުފަރު ފާއިޒުވެސް ބައްދަލުވުމުގެ ބައިވެރިންނާ މުޚާތަބްކޮށް ވާހަކުފުޅުދެއްކެވިއެވެ. އޭގެ އިތުރުން ޝައިޚް މުހައްމަދު ޠައްޔިބުވެސް ރޭގެ ބައްދަލުވުމުގައި ވަނީ ބައިވެރިވެލައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...