ރާއްޖޭގެ ޚަބަރު

ހައްޤާއި ބާޠިލްގެ ތަފާތު ފެންނާނީ ހޯދާ މީހަކަށެވެ!

 

އަޅުގަނޑު ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީމެވެ. އާންމުކޮށް ބޯ ބާވަތުގެ ކޮފީ ނެތުމުން ދެން އެންމެ ރަނގަޅުވާނެކަމަށް ލަފާކުރެވުނު ބާވަތައް އޯޑަރުކުރީމެވެ. އެހެން ނަމަވެސް ކަންދިމާވީ ހީކޮށްގެން ތިބި ގޮތާ ޚިލާފަށެވެ. ވެއިޓަރު އޯޑަރު ގެނައި އިރު ގެނައީ އަހަރެމެން އެންމެ ފުރަތަމަ އެދުނު ބާވަތުގެ ކޮފީއެވެ. ނުވަތަ އެހެރެމެން ހީކުރީ އެއީ އެ ކޮފީކަމަށެވެ. އެކަމާ ނުހަނު އުފަލުންހުރެ ކުރިން މިބުނި ބާވަތައް ޚާއްޞަކޮށްފައިވާ ތަށީގައި ތުންޖަހާ ރަހަބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. އެތެރޭގައިހުރީ އަޅުގަނޑުމެންގެ އޯޑަރުނެގި ބާވަތުގެ ކޮފީއެވެ! މައްސަލައެއް ނެތްތާއެވެ، އެތެރޭގައިހުރީ ހަމަ ކުރިންވެސް ގެންނާނެކަމަށް ޔަޤީންކޮށްގެން ތިބި ކޮފީއެވެ.

ކޮންމެއަކަސް ކަމެއްގެ ހަޤީޤަތް ބޭރުފުށުން ބަލާލައިގެން އަޅުގަނޑުމެންނަކަށް ނޭންގޭނެއެވެ. އިންސާނުންގެ މިޒާޖުވެސް ތަފާތެވެ. ހަމަ އެހެންމެ ޖަނަވާރާއި ދޫނި ސޫފާ ސޫފީގެ މިޒާޖުވެސް ތަފާތެވެ. އޮޅުކޮށްފައި އިންނަ ގުރައެއް ކޮށީގައިއިންދާ ފެނުމަކުން އަދި އެއީ އޮޅުގުރައެއް ކަމެއް ނޭންގޭނެއެވެ. އެހެންކަމުން ކޮންމެ ކަމެއްގެ ހަޤީޤަތްވެސް އެނގޭނީ ބަލާވަޒަންކުރުމުންނެވެ. ބަލާ ވަޒަންކޮށް ކަންކަމުގެ ހަޤީޤަތް ދެނެގަތުމަކީ ދުނިޔަވީ ޢާންމު ޢުސޫލެވެ. އެއީ އިންސާނީ ސިފައެކެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހައްޤާއި ބާޠިލާދެމެދު ވަނީ "އެންމެންނަށް އެނގޭ ސިއްރު" ހަނގުރާމައެއް ފެށިފައެވެ. ނަމަވެސް ހިތާމައަކީ މި ހަނގުރާމައިގައި ޝާމިލްވެ ހަނގުރާމައިގެ ދަހަނާއަޅައިގެންތިބި ގިނަ ބަޔަކީ އެބަޔަކަށް މިތިބެވެނީ ހަނގުރާމައިގެ ކޮންފަޅިއެއްގައިކަން ނޭންގުމެވެ. ކޮންމެ މީހަކުވެސް "ހީކުރަނީ" އޭނާ މިހުރީ ހަނގުރާމައިގެ މައިދާނުގައި "ހައްޤު" ގެ ދިފާޢުގައިކަމެވެ. ޝައްކެތްނެތްގޮތުގައި ހައްޤުވަނީ ފާޅުވެ ބަޔާންވެގެންނެވެ. ނަމަވެސް ތިމާ އެ ހައްޤު ވަޒަންކޮށްނުލާނަމަ ނުވަތަ އެއީ ހައްޤުތޯ ދެނެގަތުމުގެ ޤާބިލްކަން ތިމާގައި ނެތްނަމަ ސަހަރޯއެވެ!

ހައްޤު ދެނެގަތުމަށް އެކަން ހޯދާ ބެލުމުގެ ސިފަ އަކީ އިންސާނީ ސިފައެއްކަމުގައި އަޅުގަނޑުދެންނެވީ އެކަމުގައި ދެނެގަންނަންޖެހޭ އެހެން ކަމެއް ހިމެނިގެންވާތީއެވެ. އެހެނީ ހައްޤު އިލާހު ﷲ ސުބުހާނަހޫވަޠަޢާލާ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ބަޔާންކޮށްދެއްވާ އަންގަވާފައިވާ ކަމަކާމެދު އަޅުގަނޑުމެން ސުވާލުކޮށް އެއީ ހައްޤުތޯ ނުވަތަ ބާޠިލްތޯ ހޯދާބެލުމުގެ އިޙްތިޔާރު އެއްވެސް މަޚްލޫކަށްލިބިގެން ނުވެއެވެ. ނަމަވެސް އިންސާނެއްގެ ހައިސިއްޔަތުން އެކަން ތިމާ އަމިއްލައަށް ތަޖުރިބާކުރުން އެއީ ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބެކެވެ. އެއީ ތިބާގެ ހިތުގައި ﷲ އަށްޓަކައިވާ އިތުބާރު ބޮޑުކޮށް އީމާންތެރި ވަރުގަދަވެގެން ދިއުމަށްޓަކައެވެ.

އިސްލާމީޝަރީޢަތަކީ ހައްޤުކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އަދި އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ ބާއްވާލެއްވި ޝަރީޢަތްކަމާއި އެއީ ފުރިހަމަ ޝަރީޢަތެއްކަމާމެދުވެސް އަޅުގަނޑުމެން އެއްވެސް މީހަކު ފާޅުގައި އިންކާރުކުރާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް މައްސަލައަކީ އަޅުގަނޑުމެން އެ ޝަރީއަތަށް ޢަމަލުކުރުމަކާއިނުލާ ނުވަތަ އެ ޝަރީޢަތުގެ ފުރިހަމަކަން ދެނެގަތުމަކާއިނުލާ އެ ޝަރީއަތުގައިވާ ކަންކަން ފުރިހަމަ ކުރުމާއިމެދު ސުވާލުމާކެއްގައި ތިބިކަމެވެ. އެ ޝަރީޢަތުގައިވާ މިވެނި ހުކުމެއް ޤާއިމްކޮށްފިނަމަ ދެންވާނީ މިހެންކަމާއި އަނެއްކަމެއްކޮށްފިނަމަ ދެންވާނީ އެހެންކަން އަޅުގަނޑުމެންނަށް އެނގެނީ ކިހިނަކުންހެއްޔެވެ؟ ފަހެ ތިބާ ޚައިރާންވެ އަންތަރީހެއް ނުވޭހެއްޔެވެ؟ އެ ޤާނޫނު ތަކަކީ ނުވަތަ އެ ޝަރީޢަތަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އަދި ކިއެއްތަ ތިބާއާއި ތިބާގެ ވަށައިގެންވާ މާސިންގާ ކައުނު ޚަލްޤުކުރެއްވި އިލާހެވެ. ވީއިރު އިންސާނެއްގެ ހައިސިއްޔަތުން ތިމާގައިވާ އުނިކަމާއިއެކު އެކަން ތަޖުރިބާކޮށް އޭގެ ހަޤީޤަތް ދެނެގަތުމަށް ތިބާ ނުކުޅެދެންވީ ކީއްވެގެންހެއްޔެވެ.

ހަމަ މިބީދައިން ލޯމަރައިގެންތިބެ ހައްޤު އެއީ ބާޠިލްކަމުގައި އެހެން މީހުންނަށް ސިފަކޮށްދޭން ތިމާކުރާ މަސައްކަތާމެދު ނަފްސާ ސުވާލުކުރާށެވެ. ތިޔަ މަސައްކަތުގައި ތިބާއަށް އަތްދަށުލެވޭނީ ކޮފީތަށީގެ ބޭރު ބަލާލުމަށްފަހު ރަހަބަލާނުލާ ފޮނުވާލާ ޒާތުގެ މީހުންނެވެ. ކަނުކަމާއެކު، ނުވަތަ ބީރުކަމާއެކު، ނުވަތަ މަންމަން ކަމާއެކު ހައްޤުހޯދަން އުޅުމަކުން ތިބާއަށް މަންފާއެއް ނުކުރާނެއެވެ.

ﷲ ސުބުހާނަހޫ ވަޠަޢަލާ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހިވަސައްލަމައަށް ތަބާވުމަށާ އެކަލޭގެފާނު ގެނެސްދެއްވި ކޮންމެ ކަމެއްގައި ހިފުމަށާއި މަނާކުރެއްވި ކޮންމެކަމަކުން ދުރުވުމަށް އަންގަވާ އަމުރުކުރައްވާފައިވެއެވެ. ތިބާ ބުނެ އިއްވަނީ ތިބާ ޤުރުޢާނަށް އީމާންވާކަމުގައެވެ. ނަމަވެސް ތިބާ އެއަށް އީމާންވަނީ ހަމައެކަނި މުސްހަފްގެ ބަނޑޭރިގަނޑުގައި ލިޔެފައިވާ "އަލް-ޤުރުއާން" މި ލަފްޒަށެވެ. ތިބާ އެފޮތް ހުޅުވާ ނުކިޔަވަމެވެ. އަދި ކިއެއްތަ އޭގެ މާނައާއިމެދު އެއްގޮތަކަށްވެސް ފަރުވާލެއް ނުބަހައްޓަމެވެ. ވިސްނަވާށެވެ. ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމަ ގެނެސްދެއްވި ކޮންމެ ކަމެއް ގެނެސްދެއްވާފައިވަނީ ހައްޤު ގޮތުގައި ހައްޤު އިލާހުގެ މަތިވެރި ވަޙީން ބާރުލިބިވަޑައިގެންނެވެ. ވީމާ ތިމާ އެކަމާމެދު ޝައްކުކުރުމަކުން އެކަމަށް އުނިކަމެއް ނާންނާނެއެވެ. އެހެނީ ތިމާގެ ޝައްކަކީ އެ ބަސްފުޅުގެ ހަޤީޤަތްނޭންގި ނުވަތަ އެ ބަސްފުޅުގައިވާ ކަމެއް ތަޖުރިބާކުރުމެއްނެތި ކުރާ ޝައްކަކަށް ވީތީއެވެ.

އޭ މުސްލިމް އަޚުންނޭވެ. މުސްލިމެއްގެ ނަމުގައި ހުރުމަކުން ތިބާއަށް މުސްލިމަކަށް ނުވެވޭނެއެވެ. އަދި ކިއެއްތަ ކާމިޔާބާއި ފަލާޙްގެ މަގުން ދެދުނިޔޭގެ ބާއްޖަވެރިކަމެއްވެސް ނުހޯދޭނެއެވެ. ތިބާ އަޑަށް ބާރުލާފާ "އަޅުގަނޑު އެދެނީ ދެދުނިޔޭގެ ބާއްޖަވެރިކަމޭ" ބުނުކަމުން ތިބާއަށް އެކަމެއް ހާޞިލެއް ނުކުރެވޭނެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ ހައްޤުގެ މަގު ދެނެގަނެ އެ މަޤުތަޖުރިބާކޮށްފި މީހަކަށެވެ. ނޫންނަމަ ތިބާއެކޭ ލައްވައްޒާ ކޮފީގެ ލޭބަލް ޖަހާފައިވާ ޖޯޑެއްގައި ގެނެސް ސުފުރާމަތީގައި ބެހެއްޓޭ ނެސްކެފޭ ކޮފީއަކާ އެއްވެސް ތަފާތެއްނެތެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ޖަޒާކަﷲ!

  2. މާތް ﷲ ތިބާއަށް ހެޔޮ ޖަރާ ދެއްވާށިއެވެ! އަދިވެސް މިފަދަ އަގުހުރި އަޅުގަޑުމެންގެ އަދުގެ ޙާލަތާއި ގުޅުންހުރި ލިޔުންތަކަށް އިންތިޒާރު ކުރަމެވެ.

  3. ވަރަށްފުރިހަމަ ލިޔުމެއް
    މިކަހަލަ ލިޔުމަކުން ފައިދާކުރާނީީ ވިސްނާފިކުރުކުރާ ބަަޔަކަށް ދޯ؟

Your email address will not be published. Required fields are marked *