ދީނީ ލިޔުންދީން

އޭ މުސީބާތް ކުރިމަތިވެފައިވާ މީހާއެވެ. ތިބާ އައްޔޫބްގެފާނު ފަދައިން ވާށެވެ!…3

އައްޔޫބްގެފާނު ހަޔާތުގެ ޚުލާޞާ:

އިބްން އަސާކިރު ރިވާކުރެއްވިއެވެ:

. "އައްޔޫބުގެފާނަކީ އެކިވައްތަރުގެ ގިނަގުނަ މުދާ ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަޅުންނާއި، ކަންބަޅިއާއި، ހަރާންގެ ތަނަވަސްވެގެންވާ ބިންތަކާއި އަދި ގިނަވެގެންވާ ދަރިންތަކެވެ. އެކަލޭގެފާނުގެ ކިބައިން މިހުރިހާ ނިޢުމަތްތައް ގެންދެވުނެވެ. އަދި އެކަލޭގެފާނު، ޖިސްމާނީ ގޮތުން ބަލިމަޑުކަމެއްގައި ލެއްވެވިއެވެ. އެކަލޭގެފާނުގެ ދުލާއި ހިތް މެނުވީ އެހެން އެއްވެސް ގުނަވަނެއް ސަލާމަތުންނެއްނެތެވެ. އަދި މިދެގުނަވަނުން، ރެއާއި ދުވާލު އެކަލޭގެފާނު ﷲ ތަޢާލާ މަތިވެރި ކުރެއްވި އެވެ. އެކަލޭގެފާނުގެ ބަލިމަޑުކަން ދިގުދެމިގެން ދިޔަ މިންވަރުން އެކަލޭގެފާނަށް ޒިޔާރަތް ކުރަމުން ގެންދިޔަ މީހުންވެސް އެކަލޭގެފާނު ދެކެ ފޫހިވި އެވެ. އެކަލޭގެފާނުގެ ރަޙްމަތްތެރިން އެކަލޭގެފާނު ދޫކޮށްލި އެވެ. އަދި މީސްތަކުން އެކަލޭގެފާނަށް ޒިޔާރަތް ކުރުން ހުއްޓާލި އެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެއްވެސް މީހަކު، އެކަލޭގެފާނުގެ ޙާލަތާއިމެދު ހަމްދަރުދީ އެއް ނުވެ އެވެ. އެކަނބުލޭގެ، އެކަލޭގެފާނަށް ވަރަށް ރަނގަޅަށް އޯގާތެރިވެލެއްވި އެވެ. އެއީ އެކަލޭގެފާނު ކުރިން އެކަމަނާއަށް ބެހެއްޓެވި އޯގާތެރިކަމާއި، އެކަލޭގެފާނުގެ ދީލަތިފުޅު ކަމުންނެވެ."

އައްޔޫބުގެފާނު ރަޙުމަތައް އެދި ދުޢާކުރެއްވުން:

އެހެންކަމުން އިބިލީސް ވަރަށް ބޮޑަށް ހާސްވި އެވެ. އޭނާގެ އެހީތެރިންނާއި މަޝަވަރާކުރިއެ، ނަމަވެސް އެމީހުންނަށް، އޭނާއަށް ދޭނެ އިރުޝާދެއް ނޭނގުނެވެ. އެމީހުން ސުވާލުކުރި އެވެ.

" ކަލޭ އިންސާނުންގެ ބައްޕަ އާދަމްގެފާނު ސުވަރުގެއިން ބޭރުކުރުމުގައި ޔާމިޔާބުވިއިރު، ކިހިނެއްވެގެންހޭ ކަލޭގެ މޮޅުކަނުން އައްޔޫބުގެފާނަށް އަސަރު ނުކުރީ؟ "

އިބިލީސް ފިރިހެނެއްގެ ސިފައިގައި އައްޔޫބްގެފާނުގެ އަނބިކަބަލުން އަރިހަށް ދިޔަ އެވެ. އޭނާ، އެކަނބުލޭގެ އަރިހުގައި އެއްސެ " ކޮބާ ކަނބުލޭގެ ފިރިމީހާ؟"

ގާތްގަނޑަކަށް ހަޔާތުގެ އުއްމީދު ގެއްލި ފާނާވަން ކައިރިވެފައި، އެނދުމަތީ އޮތް ކަލޭގެފާނަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ " .ދިރުމާއި މަރުވުމާއި ދެމެދުގައި މަނާވެފައި އެކަލޭގެފާނު އެ އޮންނެވީ އެވެ."

އިބިލީސް އެކަނބުލޭގެއަށް ، އައްޔޫބުގެފާނު ރަނގަޅު ޞިއްޙަތާއި، މުދަލާއި އަދި ދަރީން ވީ ދުވަސްތައް މަތިން ހަނދުމަކޮށްދިނެވެ. ކުއްލިއަކަށް ދަތިއުދަނގޫ ދުވަސްތަކުގެ ހިތި ހަނދާންތައް އެކަމަނާގެ ނަފްސުގެ މައްޗަށް ގަދަވި އެވެ. އަދި އެކަމަނާ، އިންތިހާއަށް ކީރިތި ކުރައްވަން ފެއްޓެވި އެވެ.

އެކަނބުލޭގެ އައްޔޫބުގެފާނަށް ވިދާޅުވި އެވެ.

"އަހަރުމެންގެ ވެރިން ރަސްކަލާނގެ ކުރިމަތިކުރައްވާފައިވާ، ކެކުޅުން ކަލޭގެފާނު ކިހާ ދުވަހަކު ތަހައްމަލު ކުރައްވާނަންތޯ އެވެ؟

މުދަލާއި، ދަރިން ނުވަތަ ރައްޓެހިން ނެތި މުޅި އުމުރަށް މިހެން ތިބޭނީތޯ އެވެ؟

މި މުސީބާތުން ދިންނަވާތޯ ﷲ ގެ ހަޟުރަތުގައި ނުދަންނަވަނީ ކީއްވެގެންތޯ އެވެ؟ "

ފުންނޭވައެއް ލުމަށްފަހު އައްޔޫބުގެފާނު މަޑުމައިތިރި ރާގެއްގައި ވިދާޅުވިއެވެ.

" އިބިލީސް ހަމަކަށަވަރުން ކަނބުލޭގެއަށް ވަސްވާސްދީ އަދި ހިތްނުތަނަވަސް ކުރުވީ އެވެ؟ ބުނެބަލާށެ، ރަނގަޅު ޞިއްހަތާއި އަދި  މުއްސަނދިކަމުގައި ތިމަންކަލޭފާނު އުޅުއްވިތާވީ ކިހާ ދުވަހެއްޔެވެ؟ "

އެކަނބުލޭގެ ވިދާޅުވި: " އައްޑިހަ އަހަރެ "

ދެން އައްޔޫބުގެފާނު ވިދާޅުވި: " ތިމަންކަލޭގެފާނު މި ވޭނުގައި އުޅުއްވާތާވީ ކިހާދުވަހެއްޔެވެ؟ "

އެކަނބުލޭގެ ވިދާޅުވި އެވެ. " ހަތް އަހަރެ "

އައްޔޫބުގެފާނު ދެން އެކަނބުލޭގެއަށް ވިދާޅުވި: " އެހެންކަމުން ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަށް މި މުސީބާތުން ދިނެވުން އެދި ދުޢާކުރައްވަން ތިމަން ކަލޭގެފާނު ލަދުފުޅުގަނެއެ، އެއީ ތިމަން ކަލޭގެފާނު ރަނގަޅު ޞިއްޙަތާއި އަދި ނިޢުމަތުގައި ހޭދަކުރެއްވި ވަރަށް މިވޭނުގައި އަހަރުތައް އަދި ހޭދަނުވާތީ އެވެ. ތިމަން ކަލޭގެފާނަށް ހީފުޅުވާ ގޮތުގައި ކަނބުލޭގެ އީމާންތެރިކަން  ބަލިކަށިވެ އަދި ﷲ ގެ މިންވަރުފުޅާއި މެދު ހިތްހަމަ ނުޖެހިއްޖެ އެވެ. ތިމަންކަލޭގެފާނަށް އަލުން ރަނގަޅު ޞިއްޙަތު ލިބިއްޖެނަމަ، ﷲ ގަންދީ ބުނަމެ ތިމަން ކަލޭގެފާނު 100 އެތިފަހަރު ކަނބުލޭގެ ގައިގައި ޖަހާނަމެވެ! މިއަދުން ފެށިގެން، ކަނބުލޭގެ އަތުން އެއްވެސް ކާއެއްޗެއް އަދި ބޯއެއްޗެއް ތިމަން ކަލޭގެފާނުގެ އަމިއްލަ ނަފުސައް ހަރާމް ކުރަމެވެ. ތިމަންކަލޭގެފާނު އެކަނި ދޫކޮށްލާށެވެ. އަދި ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ރުއްސަވާގޮތެއް ތިމަންކަލޭގެފާނަށް މެދުވެރިވިއަދޭށެވެ. "

އައްޔޫބުފާނުގެ ހަށިކޮޅު ރަނގަޅުވުން

ރޮމުން ހިތާމަވެރިކަމާއެކު އަދި ބުރަ ހިތަކައިގެން، އެކަމަނާއަށް  އެކަލޭގެފާނު ދޫކޮށްދިއުން ނޫން އެހެންގޮތެއްނެތެވެ. އަދި އެހެންތަނަކުން ހިޔާވަހިކަން ހޯދި އެވެ.

އެހީތެރިކަމެއްނެއް ހާލު އައްޔޫބުގެފާނު، ﷲ އަށް ދެންނެވިއެ، ޝަކުވާދަންނަވާކަށް ނޫނެ ނަމަވެސް ﷲ ގެ ރަޙުމަތައެދުމަށެވެ.

" އަދި އައްޔޫބުފެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙުމަތްލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ.  ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތިހާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟުރަތުން ލެއްވި ރަޙުމަތެއްކަމުގަ އެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ. "

{ ސޫރަތުލް އަންބިޔާ: 83-84 }

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެ:

"ތިމަންރަސްކަލާނގެ އަޅު އައްޔޫބުފެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވި ހިނދުގަ އެވެ. (އެކަލޭގެފާނު ދެންނެވި އެވެ.) އަޅުގެ ގައިގައި ޝައިޠާނާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެ އެވެ. ( އެކަލޭގެފާނަށް އެންގެވި އެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ ޙަޟުރަތުން ލެއްވި ރަޙުމަތެއް ކަމުގައްޔާއި، ބުއްދީގެ އަހުވެރިންނަށްވާ ޢިބުރަތަކާއި، ނަޞަރެއެއް ކަމުގައެވެ."

 { ސޫރަތުއް ޞާދު: 41-43 }

އައްޔޫބުގެފާނު ކިޔަމަންތެރިވިއެ އަދި އެހިނދުގައި އެކަލޭގެފާނަށް ރަނގަޅު ޞިއްޙަތު އަނބުރާ ލިބިލެއްވިއެވެ. ހަމައެއާއިއެކު، އެކަލޭގެފާނުގެ ވަފާތެރި އަނބިކަނބަލުންނަކަށް އެކަލޭގެފާނާއި ވަކިންނެއް ނުހުންނެވުނެ އަދި އެކަލޭގެފާނުގެ ކިބައިން މަޢާފަށް އެދިލެއްވައި އަދި އެކަލޭގެފާނަށް ޚިދުމަތްކުރެއްވުމަށް ބޭނުންވާތީ އެވެ.

އެކަނބުލޭގެ ގެއަށް ވަދެވަޑައިގަތުމާއިއެކު، ކުއްލި ގޮތަކަށް އައިސްފައި ހުރި ބަދަލުތަކާއިމެދު އެކަނބުލޭގެ ހައިރާންވެވަޑައިގެންދިއަ އެވެ. އައްޔޫބުގެފާނަށް  ވަނީ އަލުން ރަނގަޅު ޞިއްޙަތެއް ލިބިފަ އެވެ. އެކަނބުލޭގެ، އެކަލޭގެފާނާއި ކައިރިވެވަޑައިގެން، ﷲ ގެ ރަޙްމަތްފުޅަށް އެކަލާނގެއަށް ޝުކުރުކުރެއްވި އެވެ.

އައްޔޫބުގެފާނަށް އަނބުރާ ރަނގަޅު ސިއްޙަތެއް ލިބިލެއްވުމުން، އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގައިގައި 100 އެތިފަހަރުން ޖެހުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާއިމެދު އެކަލޭގެފާނު ކަންބޮޑުވެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް، އެކަނބުލޭގެއަށް އަނިޔާއެއް ދިނުމަކަށް އެކަލޭގެފާނު ރުހިވަޑައެއް ނުގަންނަވަ އެވެ. އެހެނީ އެކަލޭގެފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅަށް ޚިޔާނާތްތެރިވެއްޖެނަމަ، ﷲ އަށް ވެވުނު އަޙުދު ނުފުއްދުމުގައި އެކަލޭގެފާނު ފާފަވެރިވާނޭތީ އެވެ. އެހެން ކަމުން، ﷲ ތަޢާލާ އެއިލާހުގެ ޙިކްމަތްވަންތަކަމާއި ރަޙްމަތްވަންތަ ކަމުން އެކަލާނގެއަށް އިޚްލާސްތެރި އަޅާ އަށް މަދަދުވެރިވެ އެކަލޭގެފާނަށް ނަސޭޙަތްތެރި ވެވަޑައިގެންނެވި އެވެ.

"އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ ޚިލާފުވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ."

{ ސޫރަތުއް ޞާދު: 44 }

އައްޔޫބުގެފާނު ވެވަޑައިގަތީ އިސްތިޣްފާރު ކުރައްވަވާ، ޝުކުރުވެރިކަމާއި އެކު ﷲ މަތިން ހަނދުމަކުރައްވާ، ކެތްތެރި، ޡާބިތު ބޭކަލެކު ކަމުގަ އެވެ. ﷲ ތަޢާލާ، އެކަލޭގެފާނަށް ތަޢުރީފު ކުރައްވާ އަދި އެކަލޭގެފާނު މުޞީބާތުން ސަލާމަތް ކުރެއްވެވި ސަބަބުތަކަކީ ވެސް މިއީއެވެ. (ނިމުނީ)


މަސްދަރު: قصص الأنبياء

 

 

ގުޅުންހުރި

2 ޚިޔާލު

  1. ާައާމީން

  2. މިއީ ވަރަށް ފުރިހަމަ މިސާލެއް

Your email address will not be published. Required fields are marked *